އަޅުގަނޑުމެން ކާ ކޮންމެ ކާއެއްޗަކާއި ބޯ ކޮންމެ ބުއިމަކާއެކު، ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި ޕްލާސްޓިކް އެތިކޮޅުތައް ނުވަތަ 'މައިކްރޯޕްލާސްޓިކްސް' ހަށިގަނޑަށް އެތެރެވަމުން ދާކަން އެއީ މިހާރު ސައިންސްވެރިން ސާބިތުކޮށްދީފައިވާ ހަގީގަތެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި، އެވްރެޖްކޮށް ކޮންމެ މީހަކު ހަފުތާއަކު ކްރެޑިޓް ކާޑެއްގެ ބަރުދަނަށްވާ ވަރަށް ޕްލާސްޓިކް ކަ އެވެ. ނަމަވެސް، ބައެއް އާދަތަކަށް ބަދަލު ގެނެސްގެން ކާބޯތަކެތީގެ ތެރެއިން ހަށިގަނޑަށް އެތެރެވާ ޕްލާސްޓިކްގެ މިންވަރު މަދުކުރެވިދާނެ އެވެ.

ފުޅީގައި ބަންދުކުރި ފެނަށްވުރެ އިސްކުރު ފެން އިސްކުރުން

ދިރާސާތަކުން ދައްކާގޮތުގައި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނުގައި، އިސްކުރު ފެނަށްވުރެ އެތައް ގުނައެއް ގިނައިން މައިކްރޯޕްލާސްޓިކް ހުރެ އެވެ. ޕްލާސްޓިކް ފުޅި ހުޅުވާ ލައްޕާއިރު އުފެދޭ ޕްލާސްޓިކް ކުނޑިތައް ފެނުގެ ތެރެއަށް އެއްވެ އެވެ. އެހެންކަމުން، ރަނގަޅަށް ފިލްޓަރު ކުރި އިސްކުރު ފެން ބޭނުންކުރުމަކީ ރައްކާތެރި ގޮތެކެވެ.

ކާއެއްޗެހި ހޫނުކުރާއިރު ޕްލާސްޓިކް ތަށި ބޭނުން ނުކުރުން

މައިކްރޯވޭވްގައި ކާއެއްޗެހި ހޫނުކުރާއިރު ޕްލާސްޓިކް ތަށި ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ހޫނުގެ ސަބަބުން ޕްލާސްޓިކްގައި ހުންނަ ކެމިކަލްތަކާއި ކުދި އެތިކޮޅުތައް މާ އަވަހަށް ކާއެއްޗެހީގެ ތެރެއަށް ގިރިގެންދެ އެވެ. މިކަމަށްޓަކައި ބިއްލޫރި ނުވަތަ ސެރަމިކް ތަށި ބޭނުންކުރުން މާ ބުއްދިވެރި އެވެ.

ޕްލާސްޓިކްގައި ބަންދުކުރި ކާބޯތަކެތި މަދުކުރުން

ސުޕަމާކެޓްތަކުން ގަންނަ ޕްލާސްޓިކް ކޮތަޅުގައި ބަންދުކުރި މޭވާއާއި ތަރުކާރީގައިވެސް ޕްލާސްޓިކްގެ އަސަރު ހުރެ އެވެ. ޚާއްޞަކޮށް ޕްލާސްޓިކް ކޮތަޅުގައި ހުންނަ ކާއެއްޗެހި ކެއުމުގެ ކުރިން ރަނގަޅަށް ދޮވުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ސައިފަތް ޕެކެޓު ބޭނުން ކުރުމުގެ ބަދަލުގައި ސައިފަތް ބޭނުންކޮށްގެން ސައި ތައްޔާރު ކުރުމަކީ ވެސް އެތައް މިލިއަން ޕްލާސްޓިކް އެތިކޮޅަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކަނޑުމަހުގެ ބަދަލުގައި އެހެން ކާނާ އިސްކުރުން

ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވަނީ މައިކްރޯޕްލާސްޓިކްގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. ޚާއްޞަކޮށް ކުދި މަސްމަހާމެއްސާއި ބޮލި ފަދަ ތަކެތި ކާއިރު އެތަކެތީގެ ބަނޑުގައި ހުންނަ ޕްލާސްޓިކް ސީދާ އިންސާނާގެ ހަށިގަނޑަށް އެތެރެވެ އެވެ.

ގޭތެރެ ސާފުކޮށް ބެލެހެއްޓުން

އަޅުގަނޑުމެންނަށް ޕްލާސްޓިކް ކެވެނީ ހަމައެކަނި ކާއެއްޗެހީގެ ތެރެއަކުން ނޫނެވެ. ވައިގެ ތެރޭގައި ހުންނަ ޕްލާސްޓިކް ކުނޑިތައް ކާއެއްޗެހީގެ ތެރެއަށް ވަދެގެން ވެސް އެކަމަށް މަގުފަހިވެ އެވެ.. އެހެންކަމުން ގޭތެރޭގެ ކުނޑި ފޮޅައި ސާފުކުރުމަކީ ވައިގެ ތެރެއިން ކާއެއްޗެހީގެ ތެރެއަށް ވަންނަ ޕްލާސްޓިކް މަދުކުރުމަށް ކުރެވިދާނެ ކަމެކެވެ.

ޕްލާސްޓިކުން އެއްކޮށް ސަލާމަތްވުމަކީ މިއަދުގެ ދުނިޔޭގައި އުނދަގޫ ކަމެއް ނަމަވެސް، މިފަދަ ކުދިކުދި ބަދަލުތަކުން އަޅުގަނޑުމެންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުޑަކުރެވިދާނެ އެވެ. އަމިއްލަ ސިއްހަތަށްޓަކައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެކެވެ.