ހުޅުމާލޭގައި އަލަށް މީހުން ދިރިއުޅެން ފެށި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓަރެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން، 749 ރުފިޔާއިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 5ޖީ ޓާބޯ ރައުޓަރެއް ހިލޭ ލިބޭނެ ކަމަށެވެ. މިއީ އަލަށް ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށާއި، އާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ހަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ހިދުމަތް ފަސޭހަކަމާއެކު ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގު 5ޖީ ޓާބޯ ހިދުމަތަކީ ސްޓްރީމް ކުރުމާއި، ގޭމް ކުޅުމާއި، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް އެންމެހައި ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ ހިދުމަތެކެވެ. އަދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ހިދުމަތާއެކު ހިލޭ ލިބޭ ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފައިދާ ވަގުތުން ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތައް ހުށަހެޅޭނެ އެވެ. އަދި މީގެ އިތުރުން، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެފްޑީސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މުޖުތަމައުތައް ޑިޖިޓަލްކޮށް ބާރުވެރި ކުރުވުމަށާއި، ޒަމާނީ ކަނެކްޓިވިޓީގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމުގައި ދިރާގުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.