ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންމިޔަސް، ކޯޓުތައް ބަންދު ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅާއެކު ކޯޓުތަކުން އާންމުންނަށް ދޭ ޚިދުމަތްތައް މެދު ނުކެނޑޭނެގޮތަށް އާންމުންނަށް ފޯރުކޮށްދެމުން ގެންދިޔުމަށް މިއަދު ބޭއްވި ކޮމިޝަނުގެ 36 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ސާކިއުލާއެއް ވެސް ނެރެފަ އެވެ.
އެ ސާކިއުލާގައި، އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ހުރިހާ ކޯޓުތަކަށް އަންގާފައި ވެ އެވެ.
"ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، އެހެނިހެން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، މައުލޫމާތުސާފުކުރުމާއި އެފަދަ އެހެން ކަންކަމަށް ކޯޓުތަކަށް އާއްމުން ހާޒިރުވާންނުޖެހި އެ ހިދުމަތްތައް ލިބޭނޭ އިންތިޒާމްހަމަޖައްސަންވާނެއެވެ. އެފަދައިން ދެވެން ނެތް ހިދުމަތްތައް، ރައްކާތެރި އެހެން ފިޔަވަޅުތަކާ އެކު ދެވޭނޭއިންތިޒާމް ހަމަޖައްސަވަންވާނެވެ،" ޑީޖޭއޭ އިން ނެރުނު ސާކިއުލާގައިވެ އެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ހާއްސަ އިރުޝާދު"ގެ ޕްރެކްޓިސް ޑައިރެކްޝަނާ އެއްގޮތަށް ޝަރީއަތުގެ މަޖިލީސްތަކާއި އެނޫންވެސް ޝަރުއީ ކަންކަމާއި ކައިވެނީގެ މަޖިލީސްތައް ހިންގުމަށް ވެސް ޑީޖޭއޭ އިން ވަނީ އަންގާފަ އެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ މޮނިޓަރިންގގެ ހާލަތަށް ލާފައިވާ ތަންތަނާއި މާލޭގައި، ވީހައިވެސް ގިނަމުވައްޒަފުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނޭ ގޮތަށް މަސައްކަތްތައް އިންތިޒާމް ކުރުމަށް ވެސް ޑީޖޭއޭ އިން އަންގާފައިވެ އެވެ.
ޑީޖޭއޭގެ ސާކިއުލާގައިވާ ގޮތުން އޮފީހުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސެން ނެތް ހާލަތުގައި ދަންފަޅި އުސޫލުން މުވައްޒަފުން ނެރޭ ގޮތަށްވެސް އިންތިޒާމްކުރަން ވެސް ވަނީ ލަފާދީފަ އެވެ.
މީގެއިތުރުން އޮފީހަށް ނިކުމެގެން ނުނީ ނުވަތަ ވަކި ތަނަކަށް ހާޒިރުވެގެން ނޫނީ ކުރެވެން ނެތް މަސައްކަތްތަކަށް ނެރެންޖެހޭ މުވައްޒަފުން، އެ މަސައްކަތަކަށް ބޭނުންވާ މިންވަރަކަށް ނެރުމަށް ވެސް ޑީޖޭއޭ އިން ވަނީ ކޯޓުތަކަށް އަންގާފަ އެވެ.