ދެ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްޕުޅުހަމަނުޖެހޭ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފި އެވެ. މީގެ ސަބަބުން، ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި، ތަކެތީގެ އަގު އުފުލި، އެތައް ހާސް ބަޔަކު މަރުވަމުންދާ މި ހަނގުރާމައަށް އަވަސް ހައްލެއް ލިބިދާނެ ކަމަށް ކުރެވުނު އުއްމީދުތައް ވަނީ ފަނޑުވެފަ އެވެ.
އީރާނުގެ ހުށަހެޅުމުގައި ވަނީ ހަނގުރާމަ ނިމި، ގަލްފުގެ ކަނޑުގެ ދަތުރުފަތުރުގެ މައްސަލަތައް ހައްލުވަންދެން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް މަޑުޖައްސާލުމަށެވެ.
ސުލްހައިގެ މަސައްކަތްތައް އަލުން ފެށުމަށް ކުރެވޭ އުއްމީދުތައް ކުޑަވެފައި މިވަނީ، އެމެރިކާގެ ރައީސްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވަން އޮތް ދަތުރުފުޅު ޓްރަމްޕް ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އެ ހަފުތާ ބަންދުގައި ދެ ފަހަރެއްގެ މަތިން އިސްލާމްއާބާދަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން އަރަގްޗީ ވަނީ އޮމާނަށާއި ރަޝިޔާއަށް ވެސް ވަޑައިގެންފަ އެވެ. ރަޝިޔާގައި އޭނާ ވަނީ ރައީސް ލަޑީމިއާ ޕޫޓިންއާ ބައްދަލުކުރައްވައި، އީރާނުގެ ޒަމާންވީ އެކުވެރިއެއްގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ހޯއްދަވާފަ އެވެ.
ތެލުގެ އަގު އަލުން އުފުލެން ފެށުން
ހަނގުރާމަކުރާ ދެ ފަރާތުގެ ދެމެދުގައިވާ ހިޔާލުތަފާތުވުންތައް އަދިވެސް ބޮޑުވެފައިވާއިރު، ތެލުގެ އަގު ވަނީ އަނެއްކާވެސް އުފުލެން ފަށާފަ އެވެ. އޭޝިއާގެ ބާޒާރުތަކުގައި އަންގާރަ ދުވަހު ތެލުގެ އަގު ވަނީ އިތުރަށް މައްޗަށް ގޮސްފަ އެވެ.
މާކެޓް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، މިހާރު މުހިންމީ ދައްކާ ސިޔާސީ ވާހަކަތަކެއް ނޫނެވެ. އޭގެ ބަދަލުގައި ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލޭ މިންވަރު އިތުރު ކުރުމެވެ. މިވަގުތު އެ ސަރަހައްދުން ތެޔޮ އުފުލުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ބްލޮކޭޑްގެ ސަބަބުން، އީރާނުގެ ތެޔޮ ބަރުކޮށްގެން ދިޔަ ހަ ޓޭންކަރަކަށް ވަނީ އަނބުރާ އީރާނަށް ދާން މަޖުބޫރުވެފަ އެވެ. މިއީ ހަނގުރާމައިގެ ސަބަބުން ކަނޑުގެ ދަތުރުފަތުރަށް ކުރަމުންދާ ނޭދެވޭ އަސަރު ހާމަކޮށްދޭ ކަމެކެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހިންގާ ފޭރުމާއި "ޕައިރަސީ" ގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ހަނގުރާމައިގެ ކުރިން ދުވާލަކު 125 އާއި 140 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރި ނަމަވެސް، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ސަރަހައްދުން ދަތުރުކޮށްފައިވަނީ އެންމެ ހަތް އުޅަނދެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް ތެޔޮ އުފުލާ އެއްވެސް އުޅަނދެއް ނުހިމެނެ އެވެ.
ޓްރަމްޕްގެ މަގުބޫލުކަން ދަށްވަމުންދާއިރު، ހަނގުރާމަ ހުއްޓާލުމަށް އޭނާއަށް ވަނީ އެމެރިކާގެ އެތެރެއިން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. އީރާނުގެ ހާރިޖީ ވަޒީރު އަރަގްޗީ ރަޝިޔާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ މަގުސަދުތައް ހާސިލްނުވުމުގެ ސަބަބުން ޓްރަމްޕް މިހާރު ބޭނުންފުޅުވަނީ މަޝްވަރާކުރަން ކަމަށެވެ.
އީރާނުގެ އިސް އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، އިސްލާމްއާބާދަށް ހުށަހެޅި މި ޕްލޭނަކީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްވަރާތަކެކެވެ. ފުރަތަމަ މަރުހަލާގައި ހިމެނެނީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރާ ހަނގުރާމަ ހުއްޓާލުމާއި، އަލުން އެފަދަ ހަމަލާއެއް ނުދޭނެކަމުގެ ޔަގީންކަން ދިނުމެވެ. އެއަށްފަހު، އީރާނުގެ ކަނޑުގެ ވިޔަފާރިއަށް އެމެރިކާގެ ކަނޑުގެ ސިފައިން ހުރަސްއެޅުން ހުއްޓާލުމާއި، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހައްލުކުރުމެވެ. އީރާނުގެ އަމާޒަކީ އެ ކަނޑުއޮޅި އީރާނުގެ ބަލަދުވެރިކަމުގެ ދަށުން އެ ސަރަހައްދު އަލުން ހުޅުވާލުމެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ދިގުލައިގެން ގޮސްފައިވާ މައްސަލަތަކަށް މަޝްވަރާ ކުރެވޭނީ މި ބުނެވުނު މަރުހަލާތައް ފުރިހަމަވުމަށްފަހުގަ އެވެ. އަދި އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމަށް އޮތް ހައްގު އެމެރިކާއިން ގަބޫލުކުރުމަށްވެސް އީރާނުން އެދެމުންދެ އެވެ.
ކާޖަލް އާއި ދަރިފުޅު ނީސާގެ މެދުގައި 3 އަހަރުގެ ދެބަސްވުން
ރަސްގެތީމް ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފެނަކައިގެ އެމްޑީއަކަށް އަފީފް އައްޔަންކޮށްފި