އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް އަލުން ފަށައިފިނަމަ، އެމެރިކާގެ ބޭސްތަކަށް ދިގުދެމިގެންދާ އަދި ވަރުގަދަ ހަމަލާތަކަކުން ރައްދުދޭނޭ ކަމަށް އީރާނުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

މީގެ އިތުރުން ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައި ކަމަށް ބުނާ ބުނުން އެގައުމުން ވަނީ ތަކުރާރުކޮށްފަ އެވެ. މީގެ ސަބަބުން އެ ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން އިސްނަގައިގެން އުފައްދަން އުޅޭ އިއްތިހާދުގެ ރޭވުންތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އެމެރިކާއާއި އިޒްރޭލާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދެ މަސްވެފައިވާއިރު، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ހިއްސާކުރާ މި މުހިންމު ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލި، އިގްތިސާދު ދަށަށްދިއުމުގެ ބިރުވެރިކަން ވަނީ އިތުރުވެފަ އެވެ.

މި މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ވަނީ މަޑުޖެހިފަ އެވެ. އޭޕްރިލް 8 އިން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ދީފައިވާ ބްލޮކޭޑަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އަދިވެސް ދަނީ ކަނޑުއޮޅި ބަންދުކޮށްގެން ހިފަހައްޓަމުންނެވެ.

އީރާނާއެކު މަޝްވަރާގެ މޭޒަށް ދިއުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، އަލުން އަސްކަރީ ހަމަލާތަކެއް ދިނުމުގެ ރޭވުންތަކާ ބެހޭ މައުލޫމާތު، ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދީފައިވެއެވެ. މިފަދަ ހަމަލާތަކަކީ މާ ކުރިންސުރެ އެމެރިކާއިން ރާވަމުން އައި ކަންކަމަށް ވީނަމަވެސް، މި ރިޕޯޓްތަކާއެކު ތެލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފަ އެވެ. އެގޮތުން ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު 126 ޑޮލަރަށް އަރައި، ފަހުން 114 ޑޮލަރަށް ވަނީ ތިރިވެފަ އެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުން އަވަސް ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރުމަކީ ހަގީގަތާ ދުރު ކަމެއް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ އީރާނުގެ ވެރިރަށް ތެހެރާންގެ ބައެއް ސަރަހައްދުތަކުން ވައިގެ ދިފާއީ ނިޒާމުގެ އަޑުތައް އިވިފައިވާ ކަމަށް މެހެރު ނިއުސް އެޖެންސީން ބުނެފައިވެއެވެ. އަދި ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި ވައިގެ ދިފާއީ ނިޒާމުން ވަނީ ކުދި ޑްރޯންތަކަކަށް ހަމަލާދީފަ އެވެ.

މީގެ އިތުރުން، ސަރަހައްދީ މަސްލަހަތަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، އެކުވެރި އަރަބި އިމާރާތުން ވަނީ އެގައުމުގެ ރައްޔިތުން އީރާނާއި، ލުބުނާން އަދި އިރާގަށް ދަތުރުކުރުން މަނާކޮށް، އެ ގައުމުތަކުގައި ތިބި މީހުން ވަގުތުން އެނބުރި އައުމަށް އަންގާފަ އެވެ.

ރައީސް ޓްރަމްޕް ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ހަނގުރާމަ ނިމުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ފާޑުވިދާޅުވަމުންވެސް، އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިވުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސް އޮފިޝަލަކު އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން ދޭ ކިތަންމެ ކުޑަ ހަމަލާއަކަށްވެސް ދޭނެ ރައްދަކީ މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށްދޭ ވަރުގަދަ ހަމަލާތަކެކެވެ. އަދި އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ ވިދާޅުވީ، ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަން އީރާނުން ދަމަހައްޓާނެ ކަމަށާއި، ބޭރުގެ ބާރުތަކަށް އެތަނުން ޖާގައެއް ނެތް ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ، މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވެ، އެތައް މިލިއަން ބަޔަކު ފަގީރުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މި ހަނގުރާމަ ހުއްޓާލުމާ މެދު ގޮތެއް ނިންމުމަށް ޓްރަމްޕަށް ދީފައިވާ މުއްދަތު ހުކުރު ދުވަހަށް ހަމަވާއިރު، އޭޕްރިލް މަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމާ ގުޅިގެން ހަނގުރާމަވެރި ހަރަކާތްތައް ނިމުމަކަށް އައިސްފައިވާ ކަމަށް ބަލައި، އެމެރިކާގެ ސަރުކާރުން މި މުއްދަތަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް ބެލެވެއެވެ.

މި ދަނޑިވަޅުގައި އެމެރިކާއިން ދަނީ "މެރިޓައިމް ފްރީޑަމް ކޮންސްޓްރަކްޓް" ގެ ނަމުގައި އާ އިއްތިހާދެއް އުފައްދައި، ކަނޑުއޮޅި ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފްރާންސާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ބުނަނީ އެ މަސައްކަތުގައި ބައިވެރިވާނީ ހަނގުރާމަ އެއްކޮށް ނިމުމުން ކަމަށެވެ. މީގެ އިތުރުން، ޕާކިސްތާނުން ދަނީ މި މަސްލަހަތު އިތުރަށް ގޯސްވިޔަނުދީ، ދެގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.