ކުޑަ ދަރިފުޅު އަބަދު ކުޅެން ބޭނުންވުމަކީ ފިތުރީ ކަމެކެވެ. ކުޑަކުދިން އެންމެ ތުއްތު އިރު އަޑު އިވުމާއި ފެނުމުގެ ހިއްސު ހުންނާނީ ދަށްކޮށެވެ. ބޮޑުވަމުން އަންނައިރު އެ ދެ ހިއްސު އުފެދި ތަރައްގީވަމުން ދިޔުމާއެކު، ވިސްނުން ވެސް ތަރައްގީ ވާން ފަށަ އެވެ. އަދި އާ ކަންކަން ހޯދާ ބަލާ ދަސްކުރުމަށް ޝައުގުވެރިވެ އެވެ.
ކުޑަ ދަރިފުޅު ދިރިއުޅޭ މާހައުލުގައިވާ ތަކެއްޗަކީ އަބަދު ކުރިމަތީ ފެންނަން ހުންނަ މަންޒަރެއް ފަދަ އެއްޗެކެވެ. ނުހިނގޭ ކުއްޖެއް ނަމަ، ބަލާ ފޫހިވެފައިވާނެ އެއްޗެވެ. ހިނގޭ ކުއްޖެއް ނަމަ، ކުޅެ އަތްލާ ބާވެފައިވާ އެއްޗެވެ. ވީމާ އާ އެއްޗެއް ނުވަތަ އާ ކަމެއް ދިމާނުވާހާ ހިނދަކު، ގޭތެރޭގެ މާހައުލަކީ ދަރިފުޅަށް "ޖަލެއް"ފަދަ ތަނެކެވެ. ކުޑަކުދިން ބޭރަށް ނުކުންނަން ބޭނުންވަނީ މި ސަބަބަށްޓަކަ އެވެ.
ބޭރުގެ މާހައުލަކީ ކުޑަކުދިންނަށް އާ ދުނިޔެއެއް
ދުވާލު ހަތަރު ދަމު ގޭތެރޭގައި ދަރިފުޅު ބަންދުކޮށްގެން ގެންގުޅުމަށް ވުރެ ބޭރު ތެރެއަށް ނެރުލުމުން ގިނަ ފައިދާތަކެއް ކުރެ އެވެ. ފުރަތަމަ ކަމަކީ ތާޒާ ވައި ލިބުމެވެ. ގޭތެރޭގެ މާހައުލުގައި ހުންނަ ނުސާފު ވަޔަށް ވުރެ ބޭރު ތެރެއިން ލިބޭ ވައި އެތައް ގުނައެއް ސާފެވެ. މިއީ އެ ކުދިންގެ އުފެދެމުން އަންނަ ޅަ ފުއްޕާމެއަށް ވަރަށް މުހިންމު އެއްޗެކެވެ.
ކުޑަ ކުދިން ބޭރަށް ދާން ބޭނުންވަނީ ތާޒާވައި ލިބޭތި އެވެ. އޭގެ އިތުރުން ގުދުރަތީ އަލި ވެސް ލިބޭތީ އެވެ. އާ އަޑުތަކާއި، ވަހާއި އަދި ތަންތަން ތަޖުރިބާ ކުރެވޭތީ އެވެ. ބޭރު ތެރެއަށް ނުކުމެލުމުން އެ ކުދިންނަށް އާކުލަ ކުލައިގެ އެއްޗެހި ފެނެ އެވެ. ދޫންޏާއި ވެހިކަލްގެ އަޑުތަކާއި އަދީ މީހުން ވާހަކަ ދައްކާއަޑު އެކުދިންގެ ކަންފަތުގައި ޖެހެ އެވެ. މިއިން ކޮންމެ ކަމަކުން އެކުދިންނަށް ނުހަނު އުފާވެރިކަން ލިބެ އެވެ.
ދަރިފުޅު ގެންދިޔައީ ކުޅޭ ޕާކަކަށް ނަމަ، އެތަނުން ލިބޭ ސާފުވައިގެ އިތުރުން އެތަނުން ދިމާވާ އެއްފުރާގެ ކުދިންގެ ސަބަބުން ދަރިފުޅަށް ނަފްސާނީ ފައިދާތަކެއް ކުރެ އެވެ. އާ ކުދިންނާ ރައްޓެހިވެ، އެކުގައި ކުޅެން ދަސްވެ އެވެ.
ކުދިން ބޭރަށް ނެރުމަކީ ސިކުނޑި ތަރައްގީވާ ކަމެކެވެ. އާ ކަންކަން ދަސްކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ ސިކުޑީގެ މަސައްކަތަށް މުހިންމު ކަމެކެވެ. އާ ތަކެތި ފެނުމުން ސިކުނޑީގައި، ހަނދާނުގައި ރައްކާކުރެވެ އެވެ. ގިނަ ތަކެތި ފެނުމަކީ ސިކުޑީގެ ހެދި ބޮޑުވުމަށް އެހީވެދޭ ކަމެކެވެ.
ބޭރަށް ނިކުމެލުމުން ކުޑަކުދިންނަށް ގިނަ ކަންކަން ދަސްވުމުގެ އިތުރުން އެއީ ނިދުމަށް އެހީވެދޭ ސަބަބަކަށް ވެސް ވެ އެވެ. އަބަދު އެއްގޮތަކަށް ކަންކަން ތާވަލު ކުރެވިފައިވާ ގޮތަށް ކަންކަން ވުމަށް ބަދަލު އާދެ އެވެ. ބަދަލަކީ އެ ކުދިންނަށް ހިތްހަމަ ޖެހުމެކެވެ. "ސްޓްރޯލާ"އަކަށް ލައިގެން ބޭރަށް ދާނަމަ، ސްޓްރޯލާ ދުއްވުމުގެ ސަބަބުން ހަލަނި ކުދިން މަޑުން އޮތުމަށް ބާރު އެޅެ އެވެ. އޭގެ ސަބަބުން ވެސް ނިދަން ފަސޭހަ ވެގެންދެ އެވެ.
ދަރިފުޅު ބޭރަށް ނުކުންނަން ބޭނުންނަމަ ކަންތައް ކުރެވިދާނެ ގޮތެއް:
ދުވާލުގެ ވަރަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެލުމަކީ މުހިންމު ކަމެކެވެ. ދަރިފުޅު ކިތަންމެ ކުޑަ ނަމަވެސް އެވެ. ބޭރުން ފެންނަ ތަކެއްޗާ ބެހޭގޮތުން ސުވާލުކޮށް ވާހަކަ ދައްކާށެވެ. އެއީ ކޯންޗެއްކަން ބުނެދީ ހެދުމަކީ ދަރިފުޅުގެ ބަސްމޮށުންތެރިކަން ކުރިއެރުވުމަށް ވެސް މުހިންމު ކަމެކެވެ.
ބޭރަށް ނިކުންނައިރު މޫސުމަށް ސަމާލުކަން ދިނުމާއި ލައްވާ ހެދުމަކީ ފިނި އަދި މާހޫނު ނުވާނެ ފަދަ ހެދުމަކަށް ވުން މުހިންމެވެ. އަދި އަވިން ސަލާމަތް ކުރުމާއި ސަންސްކްރީނެއް ބޭނުންކުރުމަށް ސަމާލުވާން ވާނެ އެވެ.
ބޭރަށް ދާއިރު ވަރަށް ތުއްތު ކުދިން މީހުން ގިނަ ތަންތަނަށް ނުގެންދިޔުމާއި އަދި އެކި މީހުން އެ ކުދިން ގައިގަ އަތްލުމުން ރައްކާތެރި ކުރަން ވާނެ އެވެ. މީގެ އިތުރުން ކުޑަދަރިފުޅު ބޭރަށް ގެންދާ ނަމަ، އިތުރު ނެޕީ ގެންދަން ހަނދާން ކުރަންވާނެ އެވެ. އަދި ބަނޑުހައި ވެއްޖެނަމަ ކާން ދެވިދާނެ އެއްޗެއް ތައްޔާރަށް ހުރުން ވެސް ވަރަށް މުހިންމެވެ.
ކުޑަކުދިން ގެއިން ބޭރަށް ނުކުންނަން ބޭނުންވަނީ އާ ކަންކަން ބަލައި ތަޖުރިބާ ކޮށްލުމަށެވެ. ބޭރަށް ކުދިން ގެންދިއުމުން ތާޒާވައި ލިބުމުގެ އިތުރުން އެ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ އެވެ.