އީރާނާއެކު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރު އޮތުމުން، އެ ހަނގުރާމަ ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ކޮންގްރެސް) ގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ގާނޫނު ބުނާގޮތުން، ރައީސަކު ގައުމަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅައިފިނަމަ، އެކަން ކުރިތާ 60 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯއްދަވަން ޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި ހުއްދަ ނުލިބިއްޖެނަމަ، އަސްކަރީ ހަރަކާތްތައް ހުއްޓާލަން ޖެހޭނެ އެވެ.
ނަމަވެސް، ކޮންގްރެސްގެ ލީޑަރުންނަށް ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު މިދިޔަ މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން، ކުރިމަތިލުންތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން، "ވޯ ޕަވާސް އެކްޓް" ގެ ދަށުން ގުނަމުންދިޔަ 60 ދުވަހުގެ މުއްދަތު މިހާރު މެދުކެނޑިފައިވާ ކަމަށް ޓްރަމްޕް ވަނީ ވަކާލާތު ކުރައްވާފަ އެވެ.
އެމެރިކާއާއި އީރާނާ ދެމެދު ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އަދި އާދެވިފައި ނުވި ނަމަވެސް، ޕާކިސްތާނު މެދުވެރިކޮށް އީރާނުން އާ ހުށަހެޅުމެއް ފޮނުވާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ހަނގުރާމައިގެ 60 ވަނަ ދުވަހާ ދިމާކޮށް ޓްރަމްޕް ލިޔުއްވި ސިޓީގައި ވިދާޅުވީ، 2026 އޭޕްރިލް 7 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް ހަމަލާއެއް ބަދަލުކުރެވިފައި ނުވާ ކަމަށެވެ. އަދި ފެބުރުވަރީ 28 ގައި ފެށުނު ހަނގުރާމަވެރި ހަރަކާތްތައް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ އަސްކަރީ އިސްވެރިންތަކެއް މި ހަނގުރާމައިގައި މަރުވުމާ ގުޅިގެން، އެގައުމުގެ ލީޑަޝިޕް އޮތީ ވަރަށް ބޮޑަށް ހާސްކަމާއި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދަ އެދެވޭ އެއްބަސްވުމަކަށް އީރާނުން އަދި އާދެވިފައި ނުވާ ކަމަށާއި، މިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމަވާނެ ކަމަށެވެ.
މީގެއިތުރުން، ދުނިޔޭގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރަމުންދާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އީރާނަށް އެއްވެސް ފީއެއް ނުވަތަ "ޓޯލް" އެއް ދައްކައިފިނަމަ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެމެރިކާގެ ޓްރެޜަރީން ވަނީ އިންޒާރު ދީފަ އެވެ.
ކޮންގްރެސްގެ ތެރޭގައި މި މައްސަލައާ މެދު ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. 1973 ވަނަ އަހަރު ފާސްކުރި "ވޯ ޕަވާސް ރިޒޮލިއުޝަން" އަކީ ރައީސުން އަމިއްލަފުޅަށް ހަނގުރާމަ އިއުލާންކުރުން ހަނިކުރުމަށް ހަދާފައިވާ ގާނޫނެކެވެ. ޑިމޮކްރެޓިކް މެންބަރުންނާއި ބައެއް ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަކީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް އައުން ކަމުގައި ނުވާތީ، 60 ދުވަހުގެ މުއްދަތު ގުނުން ހުއްޓައެއް ނުލެވޭނެ އެވެ.
މި ހަމަލާ ބަދަލުކުރުންތައް ފެށިގެން ދިޔައީ އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން އަބަދުވެސް މިކަން ދޮގުކުރެ އެވެ.
އެމްޑީޕީން ވެސް ގަބޫލުކުރަނީ މި ސަރުކާރު ބަރާބަރުކަމަށް: ޝިޔާމް
އީރާނުގެ ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާއިން ބުނެފި
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން އެއްބަސްވުމެއް