އީރާނުން ހުށަހެޅި އާ ސުލްހައިގެ ހުށަހެޅުންތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެމެރިކާއާއި އީރާނާ ދެމެދު އަލުން ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށް އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
އީރާނުން މި ހުށަހެޅުން މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނާ ހަވާލުކުރީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ފެށި މި ހަނގުރާމަ އޭޕްރީލް 8 އިން ފެށިގެން އޮތީ މެދުކަނޑާލާފަ އެވެ. އޭގެ ފަހުން ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ވަނީ ނާކާމިޔާބުވެފަ އެވެ.
"މިވަގުތު އެމީހުން އެ ހުށަހަޅާ ކަންތައްތަކާ މެދު އަޅުގަނޑު ހިތްހަމައެއް ނުޖެހޭ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. އަދި މަޝްވަރާތައް ހުއްޓިފައިވަނީ އީރާނުގެ ލީޑަޝިޕްގެ ތެރޭގައި އޮތް ބޮޑު ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން ބޭނުންވަނީ އެމީހުންނަށް ވަރުގަދަ ހަމަލާތަކެއްދީ އެއްކޮށް ނައްތާލަންތޯ؟ ނޫނީ އެއްބަސްވުމަކަށް އަންނަންތޯ؟" ކަމަށެވެ. އަދި އިންސާނިއްޔަތަށްޓަކައި ފުރަތަމަ ގޮތް އިހްތިޔާރުކުރަން ބޭނުންފުޅުނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު، އީރާނުގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑްގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ޖައުފަރު އާސަދީ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއަކީ އެއްވެސް ވައުދަކަށް ނުވަތަ އެއްބަސްވުމަކަށް އިހްތިރާމްކުރާ ބައެއް ނޫންކަން ހެކިތަކުން ފެންނަން އެބައޮތް ކަމަށެވެ.
އީރާނުގެ ފަނޑިޔާރުގޭގެ އިސްވެރިޔާ ޣުލާމްހުސައިން މުހްސިނީ އެޖެއީ ހުކުރު ދުވަހު ވިދާޅުވީ، އީރާނުން ދުވަހަކުވެސް މަޝްވަރާއަށް ފަސްޖެހިފައި ނުވާނެ ކަމަށެވެ. ނަމަވެސް، މަޖުބޫރުކޮށްގެން ސުލްހައިގެ ޝަރުތުތައް ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިޓް ހައުސްއިން އީރާނުގެ ހުށަހެޅުމުގެ ތަފްސީލު ހާމަކުރަން އިންކާރުކުރި ނަމަވެސް، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި އިސްލާހުތަކެއް ހުށަހަޅާފައި ކަމަށް އެކްސިއޯސް ނިއުސް ސައިޓުން ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި މަޝްވަރާ ކުރިއަށްދާ ވަގުތު، ބޮން އެޅި ސަރަހައްދުތަކުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނުގެންދިއުމަށާއި، އެ ތަންތަނުގައި އަލުން މަސައްކަތް ނުފެށުމަށް ޝަރުތުކޮށްފައިވާ ކަމަށްވެއެވެ.
އީރާނުގެ މި ހުށަހެޅުމުގެ ހަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަގުތީ ގޮތުން ފަސް އިންސައްތަ ދަށަށް ދިޔަ ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ތެލުގެ އަގު އަދިވެސް ހުރީ ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު 50 އިންސައްތަ މަތީގަ އެވެ. އީރާނުން އެ ކަނޑުއޮޅި ކޮންޓްރޯލް ކުރަމުންދާތީ ދުނިޔޭގެ އިގްތިސާދަށް ބޭނުންވާ ތެލާއި ގޭސް އަދި ގަސްކާނާ ސަޕްލައި ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ. ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ.
ގަލްފު ސަރަހައްދުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް، ލުބުނާނުގައި ހަނގުރާމަ ދަނީ ކުރިއަށެވެ. ހިޒްބުﷲ އާއެކު ވަކި ސުލްހައެއް އޮތް ނަމަވެސް، އިޒްރޭލުން ދަނީ ލުބުނާނަށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ދެކުނުގެ ހަބޫޝް އަވަށަށް ދިން ހަމަލާތަކުގައި 13 މީހުން ވަނީ ޝަހީދުވެފަ އެވެ.
މީގެ އިތުރުން، އެމެރިކާއިން ވަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ބޮޑެތި ހަތިޔާރުތަކެއް ވިއްކުމަށް ނިންމާފަ އެވެ. މީގެ ތެރޭގައި ގަތަރަށް 4 ބިލިއަން ޑޮލަރުގެ ޕެޓްރިއަޓް މިސައިލް ސިސްޓަމާއި، އިޒްރޭލަށް 1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުން ހިމެނެ އެވެ.
ވޮޝިންޓަނުގައި، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކޮންގްރެސްގެ ހުއްދަ ހޯދުމަށް އޮންނަ މުއްދަތު ޓްރަމްޕް ފަހަނައަޅައި ގޮސްފައިވާ ކަމަށް ބުނެ ގާނޫނީ ބަހުސެއް ވަނީ އުފެދިފަ އެވެ. ސަރުކާރުން ބުނަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުން 60 ދުވަހުގެ މުއްދަތުވެސް މެދުކަނޑާލެވޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ޑިމޮކްރެޓުން މިކަމާ ދެކޮޅު ހަދަ އެވެ.
ތަކެތީގެ އަގު ބޮޑުވުމާއި، ހަނގުރާމައިން ސާފު ކާމިޔާބީއެއް ނުލިބުމުގެ ސަބަބުން ޓްރަމްޕަށް ވަނީ ގައުމުގެ އެތެރޭގެ ބޮޑެތި ފިއްތުންތައް ކުރިމަތިވެފަ އެވެ. "އޭޕްރީލް 7، 2026 އިން ފެށިގެން އެމެރިކާގެ ސިފައިންނާއި އީރާނާ ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައެއް ނުވޭ،" ކޮންގްރެސްގެ ލީޑަރުންނަށް ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ އިގްތިސާދަށް ހަނގުރާމައިގެ ސަބަބުން ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. އެމެރިކާއިން ވަނީ އީރާނުގެ ތިން ކުންފުންޏަކަށް އަލުން ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނުން "ޓޯލް" ފީ ނަގާތީ އެކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ ސަބަބުން އީރާނަށް ލިބެންޖެހޭ 6 ބިލިއަން ޑޮލަރުގެ ތެލުގެ އާމްދަނީ ވަނީ ހުއްޓިފަ އެވެ. އަދި އީރާނުގެ އިންފްލޭޝަން ރޭޓް ވަނީ 50 އިންސައްތައަށްވުރެ މައްޗަށް ގޮސްފަ އެވެ.
ޓޮމާޓޯ ރަނގަޅަށް ކެވޭނަމަ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ
ބޭރުގައި ދެން ބޭނުންކުރެވޭނީ ފުރާ މީހުންގެ ކާޑު: ބީއެމްއެލް
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ގަޕޯ ހުށަހަޅުއްވައިފި