ރައްޔިތުން ބާރުވެރިކުރުވުމާއި، މައުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
މި ހިތާބުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ހާއްސަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ރައީސް އަރިސްކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ހިތާބުގައި، މީޑިއާއަކީ، ގާނޫނު އަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަން ފާހަގަކުރައްވައި، ރައްޔިތުން ބާރުވެރިކުރުވުމާއި، މައުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެއްކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުސަތު ދެވިފައިވައި، ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން ހިޔާލުފާޅުކުރުމުގައި އަހްލާގީ މިންގަނޑުތަކަށް ތަބާވުމާއި، މުޖުތަމައުގެ އާންމު މަސްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ރައީސް ހަނދުމަފުޅުކޮށްދެއްވި އެވެ.
ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަސްލަހަތު ކަމަށާއި ނޫސްވެރިންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުއްވި އެވެ.
އަދި މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީ އާއި، މަދަނީ ހައްގުތަކާއި އިންސާނީ ހައްގުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއް ކަމަށާއި، ނޫސްވެރިކަމުގެ މުސްތަގުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދާ އަމަލީ މަސައްކަތުގެ ތެރެއިން ސަރުކާރުގެ މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެންދާނެކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ތިތާބުގައި، ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭކަމަށާއި، އެގޮތުން ރާއްޖޭގެ އާބާދީގެ ކުޑަކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެއްމުންދާކަމަށާއި އަދި މީޑިއާގެ ދާއިރާއިން ވެ ވަޑައިގެންނެވި ވައުދުތައް ފުއްދަވަމުންގެންދަވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ބަހުންވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައިވެ އެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދިފާއުކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ މުހިންމުކަމަށް ސަމާލުކަން ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އާފުރުމަކީ ސިކުނޑިއަށް ބަދަލުތަކެއް ގެނުވާ ކަމެއް: ދިރާސާ
އަތޮޅުތެރެއަށް ކުރާ ކެމްޕޭން ދަތުރުތައް މީކާއީލް މިއަދު ފަށަނީ
ބޭރުގައި ދެން ބޭނުންކުރެވޭނީ ފުރާ މީހުންގެ ކާޑު: ބީއެމްއެލް
