ހިޖުރައިން 1381 ވަނަ އަހަރު ރޯދަމަހު 20 ވަނަ ދުވަހު (25 ފެބުރުއަރީ 1962) އަކީ ފުވައްމުލަކަށް އައި ބިރުވެރި ދުވަހެކެވެ. ދެކުނުގެ ތިން އަތޮޅުކަމުގައިވާ އައްޑުއާއި ހުވަދުއާއި ފުވައްމުލައް ގުޅިގެން އުފައްދާފައި އޮތް ޔުނައިޓެޑް ސުވާދީޕު ސަރުކާރުގައި ހިމެނޭ ފުވައްމުލައް މާލޭސަރުކާރުގެ ދަށަށް އަނބުރާލުމުގެ ބޭނުމުގެ ސަރުކާރުން ފޮނުވި ހަނގުރާމަ މަތީ ލަޝްކަރު ފުވައްމުލަކަށް ފޯރި ދުވަހަކީ އެއީ އެވެ. މިލަޝްކަރު ފުވައްމުލަކަށް ދިޔައީ ދިވެހި ސަރުކާރުން ޗާޓަރު ކޮށްފައި އޮތް އެލިޒަބަތު ބޯޔާ ކިޔާ ޑެނިޝް ބޯޓެއްގަ އެވެ.
ދައްޕަރު މޫސާމަނިކުގެ ކޮމާންޑަރުކަމުގައި ދިޔަ ބޯޓުގައި ސަރުކާރުގެ ފަރާތުން އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ އަބުދުލްމަޖީދު މާހިރެވެ. މާހިރު "ހުރިހާ"އަށް ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި އެ ދަތުރަކީ ފުވައްމުލަކު މީހުން ބަޣާވާތުގައި ބައިވެރިވެގެން އުޅޭތީ އެ މީހުން ދިވެހި ސަރުކާރާ އެއްކޮޅަށް އަނބުރާލުމަށާއި ރަށަށް ބޭނުންވާ ކާޑުގެ ބާވަތްތައް ވެސް ހިފައިގެން ކުރި ދަތުރެކެވެ.
ތާރީޚީ ހާދިސާތައް ލިއުއްވަމުން ގެންދަވާ ބޭފުޅެއްކަމުގައިވާ ޑޮކްޓަރު އަބްދުﷲ ވަހީދު ލިޔުއްވާފައިވާ ގޮތުގައި އެ ދުވަހު ފުވައްމުލަކު ރައްޔިތުން ތިބީ އައްޑޫ އިން ރަށަށް ދާން އޮތް ކާޑު ބޯޓެއްގެ އިންތިޒާރުގަ އެވެ. އެހެންކަމުން އެލިޒަބަތު ބޯޔާ ފެނުމުން އެއީ ކާޑު ބޯޓުކަމުގައި ހީކޮށް ގިނަބަޔަކު އަތިރިމައްޗަށް ޖަމާވި އެވެ.
"ހުރިހާ"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުލް މަޖީދު މާހިރު ވިދާޅުވި ގޮތުގައި ފުވައްމުލަކަށް ގޮސް ބޯޓުން ދިޔަ ސިފައިންގެ މީހުންގެ ތެރެއިން ބަޔަކާއެކު އޭނާ ވެސް ރަށަށް ފޭބުމަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ މީހުންނަކީ މާލެއިން ދިޔަ ބަޔެއްކަން އެނގުމުން އަތިރިމަތީގައި ތިބި މީހުން އެމީހުންގެ ގަޔަށް ފެށީ އޮށްގާ އުކާށެވެ.
ދުވަހަކީ ފުވައްމުލަކަށް މޫސުން ރީތި ރާޅު މަޑު ދުވަހެކެވެ. އެވަގުތު އޮތީ ހިކި ދިޔަވަރެވެ. އެހެންކަމުން ކުޑަ ލޯންޗެއްގައި ރަށަށް ފައިބަން މަސައްކަތް ކުރި ޓީމަށް ރަށުގެ ފަރުމަތީ ކަކޫތާފެނުގައި ތިބެ ރަށަށް އެރޭ ގޮތް ނުވުމުން ނިންމީ މައްޗަށް ބަޑި ޖަހާށެވެ. މާހިރު ވިދާޅުވި ގޮތުގައި އެގޮތަށް މައްޗަށް ބަޑި ޖެހުމުގެ ބޭނުމަކީ އަތިރިމަތީގައި ތިބި މީހުން ބިރުގަންނަވާލުމެވެ. ނަމަވެސް މައްޗަށް ޖެހި ބަޑިއަކުން ވެސް ރަށުން އުކަމުން ދިޔަ ގަލަކަށް ހުއްޓުމެއް ނައުމުން ދެން ނިންމީ މީހުން ގަޔަށް ނާރާގޮތަށް ތިރިޔަށް ބަޑި ޖަހާށެވެ. އެގޮތަށް ޖެހި ބަޑީގައި މީހެއްގެ ބޮލަށް ވަޒަން އެރުމުން އެ މީހުން ނިންމީ އިތުރު ބަޔަކު މަރު ނުވަނީސް އެނބުރި ދާށެވެ.
މާލެއިން ދިޔަ ސިފައިންގެ ޓީމުން ޖެހި ބަޑީގައި އެދުވަހު އެކަކު މަރުވެ ހަތަރު މީހުން ޒަޚަމްވި އެވެ. މަރުވީ ފުވައްމުލަކު ދޭލިގޭ ތުއްތުމަނިކެވެ. ތުއްތުމަނިކުގެ ބޮލަށް ވަޒަން އެރުމާ އެކު ވަގުތުން މަރުވި އެވެ. ޒަޚަމްވީ މީހުންގެ ތެރޭގައި ހިމެނެނީ ފުވައްމުލަކު ވަޑިގޭ މުހަންމަދު ދީދީ އާއި ދީދާރުގޭ ހުސޭން ތައްކާނާއި ބޮނޑޮވާޅިއަލިއު (އަލީ މުހަންމަދު، ރަންނާޅި) އާއި ހަސަންފުތާ އެވެ.
ފުވައްމުލަކުގެ ތާރީޚާ ބެހޭ މައުލޫމާތު ދިރާސާ ކުރައްވާ ބޭފުޅެއްކަމުގައިވާ ފުވައްމުލަކު ވިއުޕާކް، އަދުނާނު އިބުރާހިމް ދީދީ ވިދާޅުވި ގޮތުގައި އެލިޒަބަތު ބޯރާއިން ބަޑިޖަހަން ދިޔަ ޓީމުން ރަށަށް އަރަން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު އެމީހުނަށް އެ ދުވަހު ކާމިޔާބު ނުވީ ރައްޔިތުންގެ ހިތްވަރާއެކު އުކަމުން ދިޔަ އޮށްގަލުގެ ސަބަބުން ރަށަށް ކައިރި ވެވޭނެ ގޮތެއް ނުވެގެންނެވެ. ސިފައިންގެ ޓީމު ރަށުގެ ފަރުމަތީގައި އެމީހުން ރަށަށް ފޭބި ލޯންޗާއެކު ތިއްބާ ރަށުން ބަޔަކު ބޮޑު ވަލެއް ހިފައިގެން ގޮސް ލޯންޗް އެއްގަމަށް ދަމައިގަންނަން މަސައްކަތް ކުރި އެވެ. އެވަގުތު ސިފައިންގެ ހިތަށް ބިރުވެރިކަން ވަދެ ރައްޔިތުންގެ އަތްދަށުނުވުމަށް އަވަސް އަވަހަށް ލޯންޗު އަނބުރާ ދިޔައީ އެވެ.
"ނާސިރާ އަޅުގަނޑާ ދޭތެރޭ ހުރި ތަފާތު އެ ދުވަހު އެފެނުނީ،" އެލިޒަބަތު ބޯރާގައި ފުވައްމުލައް ފަތަހަ ކުރަން ނުވަތަ މާލެއަށް އަނބުރާލަން ދިޔަ ޓީމުގައި ސިޔާސީ ގޮތުން އިސް ވެރިޔަކަށް ހުންނެވި އަބްދުލް މަޖީދު މާހިރު ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ނާސިރު ތިނަދުއަށް ކުރެއްވި ދަތުރު ނިމިދިޔަގޮތަށެވެ.
އެ ދަތުރުގައި ތިނަދޫން އެތައް ބަޔަކު މަރުވެ ނާސިރުގެ އަމުރަށް ރަށުން މީހުން ބޭލި އެވެ. މާހިރު ވިދާޅުވި ގޮތުގައި ހަތިޔާރު ނެތް ބަޔަކާ ހަތިޔާރު ހިފައިގެން ގޮސް ކުރިމަތިލައި އިތުރު ބައެއްގެ ފުރާނަ ދިއުމަކީ އެ ދުވަހު އޭނާ ބޭނުން ވި ގޮތެއް ނޫނެވެ. އެމީހުން އަނބުރާ މާލެ ދިޔަ ސަބަބަކީ އެއީ އެވެ.
ފުވައްމުލަކުގެ ރާޅުތަކާއި ރަށުން އުކަމުން ދިޔަ އަކިރިތަކާ ދެމެދު ތާށިވެފައި ތިބެ ޖެހިބަޑީގައި އެކަކު މަރުވެ ބަޔަކު ޒަޚަމް ވުމަށް ފަހު ރަށަށް އެރޭނެ ގޮތެއް ނުވެގެން ކަމުގައި ވިޔަސް ގަދަކަމުން ރަށަށް ނާރަން ވެގެން ކަމުގައިވިޔަސް ސިފައިންގެ ޓީމު މާލެ ދިޔުމުން ދިވެހި ސަރުކާރުން އެމީހުން ގެ މިޝަން ދިޔަގޮތާ މެދު ހިތްހަމައެއް ނުޖެހުނެވެ. ސިފައިންގެ ކޮމާންޑަރަކަށް ދިޔަ ދައްޕަރު މޫސާމަނިކުގެ ވަޒީފާ އެ ނާކާމިޔާބު ދަތުރާއެކު ގެއްލުނެވެ.
ފުވައްމުލަކު ރައްޔިތުން އެދުވަސް ފާހަގަ ކުރަނީ ގަދަކަމުން ރަށަށް އަރަން އުޅުނު އުދުވާނީ ބަޔަކު ފައްސާލެވުނު ކާމިޔާބު ދުވަހެއްގެ ގޮތުގަ އެވެ.