އީރާނުގެ އާ ހުށަހެޅުމުގައި ފުރަތަމަ އިސްކަންދޭނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި، އެމެރިކާއިން އެގައުމާ ދެކޮޅަށް ހިންގާ އަސްކަރީ ބަންދު އުވާލުމަށް ކަމަށް އީރާނުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މީގެ އިތުރުން އީރާނުގެ ނިއުކްލިއާ މައްސަލައިގައި ދޫދީ، އެމެރިކާއާއެކު މަޝްވަރާކުރަން އެއްބަސްވެއްޖެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އީރާނުން ކުރިން ގެންގުޅުނު ބައެއް ހަރުކަށި އުސޫލުތައް ދޫކޮށްލައި، އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ކަންކަން ހިމަނަން އެއްބަސްވެފައިވާ ކަމަށް "އަލް އަރަބިއްޔާ" އިން ރިޕޯޓުކޮށްފައި ވެއެވެ. މިއީ ނިއުކްލިއާ މައްސަލަ ފަސްކުރުމަށް އީރާނުން ކުރިން އެދެމުން ދިޔަގޮތާއި ހިލާފަށް، އެގައުމުގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްކަން ފާހަގަކުރެވެއެވެ.

މިގޮތުން ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު 3.5 އިންސައްތައަށް ހިފެހެއްޓުމަށާއި، މިހާރު ރައްކާކޮށްފައި ހުރި މުއްސަނދިކުރި ޔުރޭނިއަމްގެ މިންވަރު މަޑުމަޑުން މަދުކުރުމަށް އީރާނުން ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އީރާނުގެ މި އިސްލާހުކުރި ހުށަހެޅުމުގައި، އެމެރިކާގެ ބްލޮކޭޑް އުވާލުމުގެ ބަދަލުގައި ހޮރްމޫޒް ކަނޑުއޮޅި މަރުހަލާތަކަކަށް ބަހާލައިގެން ހުޅުވާލުމަށް ވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން، އެ ސަރަހައްދުން އެމެރިކާ ސިފައިން ބޭލުމަށް ކުރިން ކުރަމުންދިޔަ ޑިމާންޑް އީރާނުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އޭގެ ބަދަލުގައި އީރާނުން މިހާރު އެދެނީ އެގައުމުގެ ބޯޑަރުތައް ކައިރީގައި އެމެރިކާއިން ވަރުގަދަކުރަމުންދާ އަސްކަރީ ބާރުތައް މަދުކުރުމަށާއި، ކުރިއަށް އޮތް ތަނުގައި އެގައުމަށް ހަމަލާއެއް ނުދޭނެ ކަމުގެ ބައިނަލްއަގުވާމީ ޔަގީންކަމެއް ހޯދުމަށެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނުގެ އަސްލު ހުށަހެޅުމުގެ އިބާރާތްތައް އަދި ފުރިހަމައަށް މުތާލިއާ ކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން ގަބޫލުކުރެއްވުމަކީ ދުރުކަމެއް ކަމަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން މިހާތަނަށް "ފުދޭވަރަށް ބޮޑު އަގެއް" ދައްކާފައި ނުވާ ކަމަށެވެ.