އެމްޑީޕީގެ ޗެއާސަޕާން އިންތިހާބަށް އެ ޕާޓީން ނެރުނު ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނެރުނު ޓައިމްލައިންއެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރެވެ.
މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު، ޝާއިރު ވިދާޅުވީ، ޓައިމްލައިންގައިވާ ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށާއި އޭގެ ސަބަބުން އިންތިހާބުގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތަަށް ހުރަސް އެޅޭ ކަމަށެވެ.
އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، "ޗެއާޕާސަންގެ އިންހާބުގެ ކަންތައްތައް ހިންގާނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް" އެވެ.
އެމްޑީޕީގެ އިސްތިއުނާފް ފާނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވާ ގޮތުން، ޗެއާޕާސަން އިންތިހާބަށް އިއުލާންކޮށްފައިވަނީ އޭނާ ދެއްވި ލަފައާ ހިލާފަށް، އޭނާއަށް އެނގުމެއް ނެތި އެވެ. އެހެންވެ، އެއީ އަސާސީ ގަވައިދާ ހިލާފަށް ނެރުނު އިއުލާނެއް ކަމަށް ވިދާޅުވެ، އެ އިއުލާން ބާތިލު ކުުރުމަށް ވެސް އޭނާ ވަނީ ޕާޓީއަށް މިދިޔަ މަހު ފަހުކޮޅު ސިޓީއެއް ފޮނުއްވާފަ އެވެ.
މިދިޔަ މަހުގެ 23ގައި އިންތިހާބީ ޝަކުވާއެއް ކޮމިޓީއަށް ޝާއިރު ހުށަހެޅިއެވެ. ނަމަވެސް މިހާތަނަށް އެ ޝަކުވާއަށް ޖަވާބުދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ އިންތިހާބާ ބެހޭ ގަވައިދުގައި ބުނޭ ޝަކުވާ ހުށަހެޅޭތާ 48 ގަޑިއިރު ތެރޭ ޖަވާބެއް ދޭށޭ. އެހެން ނަމަވެސް މިހާތަނަށް އަޅުގަނޑު ހުށަހެޅި މައްސަލައަށް ޖަވާބެއް ނުދޭ. ޖަވާބު ނުދިނުމުން ކޯޓަށް މައްސަލަ ހުށަހެޅީ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި އެދިފައި ވަނީ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގެ ދަށުން މި އިންތިހާބުގެ އެންމެހާ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އޮންނަން ވާނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސްއަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މިދިޔަ މަހުގެ 22ގައި ނެރުނު އިންތިހާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.
ދޫނިދޫގައި ބަންދުކުރާ މީހުނަށް އަނިޔާކުރާކަން ހާމަވެއްޖެ
