އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އެމެރިކާގެ މަނަވަރެއް މަޑުކުރުމަށް ދިން އިންޒާރުތަކަށް ބޯނުލެނބުމާ ގުޅިގެން، ޖާސްކް ޖަޒީރާ ކައިރިން އެ މަނަވަރަށް ދެ މިސައިލް ހަމަލާ ދީފިކަމަށް އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފި އެވެ.

މި ހަމަލާދީފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރުމަށް މަގުދެއްކުމުގެ ގޮތުން "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އަންނަ ހޯމަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށާނެ ކަމަށް ރައީސް ޓްރަމްޕް އިއުލާނު ކުރައްވާފައި ވަނިކޮށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި 15,000 ސިފައިންނާއި، ވައިގެ މަގުންނާއި ކަނޑުގެ މަގުން ހަރަކާތްތެރިވާ 100 އަށްވުރެ ގިނަ އުޅަނދުގެ އިތުރުން، ހަނގުރާމަމަތީ މަނަވަރުތަކާއި ޑްރޯންތައް ބައިވެރިވާނެ އެވެ.

ހޮރްމޫޒް ކަނޑުއޮޅިއަށް ވަނުމަށް އެމެރިކާއިން މަސައްކަތް ކޮށްފިނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ކުރިންވެސް ވަނީ ދީފަ އެވެ. މިއީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް މަގުދެއްކުމަށް އެމެރިކާއިން އަސްކަރީ މިޝަނެއް ފަށާނެކަން ހާމަކުރުމާ ގުޅިގެން ދީފައިވާ އިންޒާރެކެވެ.

މީގެ އިތުރުން، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ އިދިކޮޅު ހުށަހެޅުންތައް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ.