މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރުން ހުއްޓާލާފައިވާ ޕޮލިމާ ނޫޓުތައް ކޮށާލުމަށްފަހު، އެ ތަކެތި ބޭނުންކޮށްގެން އުފެއްދުންތެރި އަދި މާނަވީ މަސައްކަތްތަކެއް އުފެއްދުމަށް އަމާޒުކޮށްގެން "ކްރާފްޓަޑް ބައި ކަރަންސީ: ޝްރެޑެޑް ނޯޓްސް ރީއިމޭޖިންޑް" ގެ ނަމުގައި ހަނދާނީ ހަދިޔާ ފަރުމާކުރުމާއި އާޓްވޯކް ތައްޔާރުކުރުމުގެ މުބާރާތެއް ފަށައިފި އެވެ.
މިއީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އުސޫލުން ކަންކަން ކުރުމަށާއި، ބޭނުންނުކުރެވޭ ތަކެތި އަލުން ބޭނުންކުރުމަށް އެމްއެމްއޭ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ފަންނުވެރިކަމާއި، ފަރުމާކުރުމާއި އަދި އާ އީޖާދުތަކުގެ އެހީގައި، ބޭނުންނުކުރެވޭ ނޫޓުތަކަށް އައު ބޭނުމެއް ހޯދައިދިނުމެވެ.
މި އިސްނެގުމުގެ ދަށުން ދެ ދާއިރާއަކުން މުބާރާތް ކުރިއަށްދާނެ. އެއީ:
ހަނދާނީ ހަދިޔާ ފަރުމާކުރުމާއި އުފެއްދުމުގެ މުބާރާތް: މި ބައިގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭނީ ކޮށާލާފައިވާ ނޫޓު ބޭނުންކޮށްގެން، އެމްއެމްއޭގެ ރަސްމީ ހަނދާނީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ ތަކެއްޗެވެ.
އާޓްވޯކް މުބާރާތް: މި ބައިގައި އިސްކަންދެވޭނީ ކޮށާލާފައިވާ ނޫޓު މައިގަނޑު ބައެއްގެ ގޮތުގައި ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ފަންނީ ކުރެހުންތަކާއި އުފެއްދުންތަކަށެވެ.
މި މުބާރާތްތަކުގެ ތެރެއިން ހޮވޭ އުފެއްދުންތައް 2026 ވަނަ އަހަރު އެމްއެމްއޭ އިން ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ދިވެހި ފަރުދުންނާއި، ޓީމުތަކާއި، ފަންނުވެރިންނާއި، ފަރުމާކުރުންތެރިންގެ އިތުރުން ވިޔަފާރިތަކަށްވެސް ބައިވެރިވެވޭނެ އެވެ. ބައިވެރިންނަށް އެއް މުބާރާތުގައި ނުވަތަ ދެ މުބާރާތުގައިވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
އިނާމުތައް:
ހަނދާނީ ހަދިޔާ ފަރުމާކުރުމާއި އުފެއްދުމުގެ މުބާރާތް:
1 ވަނަ: 10,000 ރުފިޔާ
2 ވަނަ: 5,000 ރުފިޔާ
3 ވަނަ: 3,000 ރުފިޔާ (މީގެ އިތުރުން، އެމްއެމްއޭ އަށް ބޭނުންވާ ހަނދާނީ ހަދިޔާތައް އުފެއްދުމުގެ ފުރުސަތު ވަކި އެއްބަސްވުމެއްގެ ދަށުން މި ބައިން ހޮވޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.)
އާޓްވޯކް މުބާރާތް:
1 ވަނަ: 15,000 ރުފިޔާ
2 ވަނަ: 10,000 ރުފިޔާ
3 ވަނަ: 5,000 ރުފިޔާ
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް 14 މެއި 2026 ގެ ރޭގަނޑު 11:59 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ "ޕާޓިސިޕަންޓް ގައިޑްބުކް" ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.
އާރްޓީއައި ގާނޫނު ދަނީ އެބިއުސްކުރަމުން: އުޝާމް
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
ދިފާއުގައި ވާހަކަ ދައްކަން އީޝާއަކަށް ފުރުސަތެއް ނުދިން: ވަކީލު