ހާރިޖީ ހައްލަކަށް ފުރުސަތު އޮންނަ ކޮންމެ ދަނޑިވަޅެއްގައި، އެމެރިކާއިން އިހްތިޔާރު ކުރަނީ ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ އަސްކަރީ ކުރިމަތިލުންތަކަށް ކަމަށް ވިދާޅުވެ، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، އީރާނުގެ ރައްޔިތުން ދުވަހަކުވެސް ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅީގައި ދެގައުމުގެ މެދުގައި ހަމަލާތަކެއް ބަދަލުކޮށް، އެމެރިކާއިން އީރާނުގެ އިތުރު އުޅަނދުތަކަށް ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ސުވާލު އުފައްދަވަމުން އަރަގްޗީ ވިދާޅުވީ، މިއީ މަޝްވަރާގެ މޭޒަށް އީރާނު ގެނައުމަށް އެމެރިކާއިން ބޭނުންކުރާ ނާތަހުޒީބު އުކުޅެއްތޯ ނުވަތަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ނުރައްކާތެރި މަޅިއެއްގައި ޖެއްސުމަށް ބަޔަކު ކުރާ ކަމެއްތޯ އެވެ.

މި ކުރިމަތިލުންތަކާ އެކުވެސް، ރައީސް ޓްރަމްޕް ވިދާޅުވީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށެވެ. މި އެއްބަސްވުމުގެ މަގްސަދަކީ މިދިޔަ ފެބުރުވަރީ މަހު އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރުމެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އީރާނުން ހުކުރު ދުވަހު ޖަވާބެއް ދޭނެ ކަމަށް ބެލެވެއެވެ. އިޓަލީއަށް ކުރެއްވި ޒިޔާރަތެއްގައި ރޫބިއޯ ވިދާޅުވީ އީރާނުން ދޭނެ ޖަވާބަކީ ސީރިއަސް ޖަވާބަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލްކޮށް، ގަލްފް ސަރަހައްދުގައިވާ އެމެރިކާގެ ބައިވެރިންނަށް ހަމަލާދެމުންނެވެ. ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި ބަންދުވުމުގެ ބިރު އޮތުމުން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

މި ހަފުތާގެ ކުރީކޮޅު، އެ ސަރަހައްދުގައި ތާށިވެފައިވާ 2،000 އެއްހާ އުޅަނދު ސަލާމަތްކުރުމަށް ރައީސް ޓްރަމްޕް އަސްކަރީ އޮޕަރޭޝަނެއް ފެއްޓެވުމަށްފަހު ފަހުން ވަނީ މަޑުޖައްސާލާފަ އެވެ. މީގެ އިތުރުން، އީރާނުން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްކުރުވުމަށްޓަކައި އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް، ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހުކުރު ދުވަހު ބުނި ގޮތުގައި، އެމެރިކާގެ ބްލޮކޭޑާ ހިލާފަށް އީރާނުގެ ބަނދަރަކަށް ވަންނަން އުޅުނު އީރާނުގެ ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީ، އެ އުޅަނދުތައް ވަނީ ހުއްޓުވާފަ އެވެ. މި ހަމަލާދީފައި ވަނީ އުޅަނދުތަކުގެ ދުންހޮޅިތަކަށް އަމާޒުކޮށްގެން ކަމަށް އެމެރިކާއިން ބުނެ އެވެ.

ހޮރްމޫޒް ކަނޑުއޮޅީގައި ހިނގި މި ހަމަލާތަކުގެ ޒިންމާ ދެ ގައުމުން ވެސް އަޅުވަނީ އަނެއް ގައުމުގެ ބޮލުގަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި އީރާނުން ވަނީ އެމެރިކާގެ މަނަވަރުތަކަށް މިސައިލާއި ޑްރޯން އަދި ކުދި ބޯޓުތައް ބޭނުންކޮށްގެން ހަމަލާދީފަ އެވެ. ނަމަވެސް އީރާނުގެ އަސްކަރިއްޔާއިން ބުނަނީ އެމެރިކާއިން އީރާނުގެ ތެޔޮ ޓޭންކަރަކަށާއި އެހެން އުޅަނދަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި އީރާނުގެ މުދާ އުފުލާ އުޅަނދެއްގައި އަލިފާން ރޯވެ، 10 ފަޅުވެރިއަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވެ އެވެ.

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، އީރާނުގެ ގިނަ އަދަދެއްގެ ކުދި ބޯޓުތަކާއި މިސައިލް އަދި ޑްރޯންތައް އެމެރިކާއިން ނައްތާލާފައިވާ ކަމަށެވެ. އަދި އީރާނުން އަވަހަށް އެއްބަސްވުމެއްގައި ސޮއިނުކޮށްފިނަމަ، މިއަށްވުރެ މާ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.