އާދީއްތަ ދުވަހުގެ ހެނދުނު އަބޫދާބީން ފުރައިގެން ދިޔަ މުދާ އުފުލާ ބޯޓަކަށް ގަތަރުގެ ކަނޑުގެ ސަރަހައްދުން ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ގަތަރުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފި އެވެ.
މި ހާދިސާގައި ބޯޓުގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު، އެ ބޯޓު މިހާރު ވަނީ އަލުން މަސައީދު ބަނދަރަށް ދަތުރު ފަށާފަ އެވެ. ގަތަރުގެ ދިފާއީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އީރާނުން ފޮނުވާލި ދެ ޑްރޯންއެއް ޔޫއޭއީގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
ޔޫއޭއީގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދެމުންދާ މިފަދަ ހަމަލާތައް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 551 ބެލިސްޓިކް މިސައިލާއި، 29 ކުރޫޒް މިސައިލްގެ އިތުރުން 2,265 ޑްރޯން (ޔޫއޭވީ) ޔޫއޭއީގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ.
ހަމައެއާއެކު، ކުވެއިތުގެ ދިފާއީ ވުޒާރާއިންވެސް ވަނީ ފަތިހުގެ ވަގުތެއްގައި އެ ގައުމުގެ ވައިގެ ސަރަހައްދުން ބައެއް ޑްރޯންތައް ފެނިފައިވާ ކަމަށް ބުނެފަ އެވެ.
އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އީރާނުގެ ބަނދަރުތައް ބަންދުކުރަން ފެށުމާއި ގުޅިގެން އިރާނުން ގެންދަނީ ހޮރްމޫޒް ކަނޑުއޮޅިން ހުއްދަނެތި ދަތުރުކުރާނަމަ ހަމަލާދޭނެކަމަށް ބުނަމުންނެވެ. އެ ގޮތުން ހުކުރުދުވަހު އެމެރިކާއިން އީރާނުގެ މުދާ އުފުލާ ބޯޓަކަށް ހަމަލާދިނުމުން އީރާނުން ވަނީ ރައްދު ހަމަލާތަކެއް ދީފަ އެވެ.
އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތުގައި އެމެރިކާއިން ހުށަހެޅި އާ އެއްބަސްވުމަށް ހުކުރު ދުވަހު އީރާނުގެ ޖަވާބެއް ލިބޭނެކަމަށް އެމެރިކާއިން ބުންޏެވެ. ނަމަވެސް މިހާތަނަށް އީރާނުން އެއްބަސްވުމަށް ވަކި ޖަވާބެއް ދީފައިނުވެއެވެ.
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
ހަރީޒް އުފެއްދީ އަވަހަށް ދެވިދާނެ ހަދިޔާއެއް!