ވޯލް ސްޓްރީޓް ޖާނަލް އިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ވައިގެ ހަމަލާތަކަށް މަގުފަހިކުރުމަށްޓަކައި އިޒްރޭލުން ވަނީ އިރާގުގެ ސަހަރާގެ ތެރޭގައި ސިއްރު އަސްކަރީ މަރުކަޒެއް ހަދާފަ އެވެ. އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މި މަރުކަޒުގެ ހަބަރު ލިބުމުން އެ ސަރަހައްދަށް ދިޔަ އިރާގުގެ ސިފައިންނަށް އަމާޒުކޮށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ވެސް ދީފައިވާ ކަމަށެވެ.
މި މަރުކަޒަކީ އިޒްރޭލުގެ ހާއްސަ ސިފައިން ތިބުމަށާއި، ވައިގެ ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް ބިނާކުރި ތަނެކެވެ. އެމެރިކާއަށް އެނގިގެން މި ތަން ގާއިމުކުރީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައިވެއެވެ. މީގެ އިތުރުން، އިޒްރޭލުގެ މަތިންދާބޯޓެއް ވެއްޓިއްޖެ ހާލަތެއްގައި ޕައިލެޓުން ސަލާމަތްކުރުމަށް ބޭނުންވާ ޓީމުތައް ވެސް އެ މަރުކަޒުގައި ތިބި ކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.
ނަމަވެސް، ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވަނީ މި ރިޕޯޓުގެ ސައްހަކަން މިހާތަނަށް އެ ފަރާތަށް ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މާޗް މަހުގެ ކުރީކޮޅު މި މަރުކަޒު ހުންނަކަން ފަޅާއަރަން ދިމާވީ، އެ ސަރަހައްދުގައި ހެލިކޮޕްޓަރުތަކެއް އުދުހޭތީއާއި އާދަޔާ ހިލާފު އަސްކަރީ ހަރަކާތްތަކެއް ހިނގަމުންދާ ކަމަށް އެ ސަރަހައްދުގެ ކަންބަޅި ގެންގުޅޭ މީހަކު ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެކަން ބެލުމަށް އިރާގުގެ ސިފައިން އެ ސަރަހައްދަށް ދިޔުމުން، އެ މަރުކަޒު ފޮރުވުމުގެ ބޭނުމުގައި އިޒްރޭލުން ވަނީ ވައިގެ ހަމަލާތައް ބޭނުންކޮށްގެން އިރާގު ސިފައިން އެ ސަރަހައްދާ ދުރަށް ޖައްސާފަ އެވެ.
މި ހަމަލާއާ ގުޅިގެން އިރާގުން ފަހުން އދ. އަށް ޝަކުވާ ހުށަހަޅާފައިވާއިރު، އެއީ ބޭރުގެ ބާރުތަކަކުން ދިން ހަމަލާއެއް ކަމަށާއި، އެއީ އެމެރިކާގެ ބައިވެރިވުން އޮތް ކަމެއް ކަމަށް އިރާގުން އޭރު ތުހުމަތުކުރި އެވެ. ނަމަވެސް ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި އެ ހަމަލާ ދިނުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
އިއުލާންކޮށްގެން ނޫނީ ވަޒީފާ ނުދޭން ރައީސް އަންގަވައިފި
"މޮރިޝަސް އިން އޮތީ ދިވެހި ސަރުކާރާ ވާހަކަދައްކަން ތައްޔާރަށް"