ރައީސް މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން އަދަދު ނޫހުން އާންމުކުރި ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފައިވާތީ، އެ ދައުވާ ވަގުތުން އަނބުރާ ގެންދިއުމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުކޮށް އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓަރީއާ ގުޅިގެން، ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ދައުވާ ހުށަހެޅުމާ ގުޅިގެން ޕީޖީ އޮފީހުން ކޯޓުގައި އެދިގެން، ކޯޓުން ވަނީ "ގެގް އޯޑަރެއް" ވެސް ނެރެފަ އެވެ.
އެ އަމުރުގެ ދަށުން ކޯޓުން ވަކި ގޮތެއް ނިންމަންދެން "އައިޝާ" ޑޮކިއުމަންޓަރީ ދައުރު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޑޮކިއުމަންޓަރީގައި ހިމެނޭ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް، މައްސަލާގެ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި ފަރާތްތަކާ ގުޅޭ ވާހަކަތައް ފެތުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން، ޝަރީއަތާ ގުޅޭ ލިޔެކިޔުންތަކާއި ވާހަކަތައް ހާމަ ނުކުރުމަށް ވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފަ އެވެ.
ދައުވާ އުފުލުމާއި ގެގް އޯޑަރު ނެރުން ކުށްވެރިކޮށް، އެމްޖޭއޭ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާ އެމްޖޭއޭއިން ބުނީ، ނޫސް އިދާރާތަކާއި ނޫސްވެރިން ތައްޔާރުކުރާ ކޮންޓެންޓަކާ ގުޅިގެން ޖިނާއީ ތުހުމަތުތައް ކޮށް ތަހުގީގުތައް ހިންގައި ދައުވާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޕީޖީ އޮފީހުން ނޫސްވެރިންގެ މައްޗަށް މިފަދަ ދައުވާތައް އުފުލި އުފުލުން އެ ޖަމްއިއްޔާއިން ކުށްވެރިކޮށް ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ވަނީ ގޮވާލާފައި އެވެ.
ތަހުގީގު ފެށިގެން ދިޔައީ ވެސް ސީދާ ޕީޖީ އޮފީހުގެ އިސްނެގުމަށް ކަމަށްވާތީ، ޖިނާއީ ތަހުގީގުހިންގައި ދައުވާ ކުރުމަކީ ނުރައްކާތެރި ސަގާފަތެއްގެ ފެށުމެއް ކަމަށް އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްތަކާއި ނޫސްވެރިންނާއި އެ މީހުންގެ މަސައްކަތްތަކަށް ބިރު ދައްކައި ފަހަތަށް ޖެއްސުމަށް ހިންގޭ އަމަލުތަކެއް ކަމުގައި ވެސް ޖަމިއްޔާ އިން ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.
އެތައް ބައެއްގެ ގުރުބާނީން ރާއްޖެއިން ހޯދާފައިވާ ޑިމޮކްރެޓިކް ހަމަތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް ތަނެއް ފަހަތަށް ގޮސްފައިވާކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ފަތުރުވެރިކަމަށް ލިބުނު ގެއްލުންތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި
33 އަހަރު ކުރީގެ ފިލްމެއް ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި!