ރައީސް އޮފީހުގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒާ ދެކޮޅަށް ނުކުމެ، ރައީސް އޮފީހުގައި ނޭދެވޭ ކަންތައްތަކެއް ހިންގިކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައިވާ މައްސަލައިގައި، ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ، ކޯޓު އަމުރާ ގުޅިގެން، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ދެއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފަ އެވެ.
އެ އަމުރުގެ ދަށުން ކޯޓުން ވަކި ގޮތެއް ނިންމަންދެން "އައިޝާ" ޑޮކިއުމަންޓަރީ ދައުރު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޑޮކިއުމަންޓަރީގައި ހިމެނޭ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް، މައްސަލާގެ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި ފަރާތްތަކާ ގުޅޭ ވާހަކަތައް ފެތުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން، ޝަރީއަތާ ގުޅޭ ލިޔެކިޔުންތަކާއި ވާހަކަތައް ހާމަ ނުކުރުމަށް ވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފަ އެވެ.
ނަޝީދު ވިދާޅުވީ ރައީސް އޮފީހުގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒު އާއެކު ރައީސް އޮފީހުގައި ބަދުއަހުލާގީ އަމަލު ހިންގިކަމަށް ބުނެފައި ކަމަށެވެ. އަދި ރައީސް އޮފީހުގެ މުވައްޒަފު އެހެން ބުނީ އަދަދު ނޫސް މެދުވެރިކޮށްކަމުން އެ ނޫހަށް ވަނީ ދައުވާ އުފުލާފައިކަމަށެވެ.
ކޯޓުން އެކަމާއި ގުޅިގެން އަމުރު ނެރުނުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ކޯޓުގެ މި އަމުރާ ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް ކަމަށެވެ.
"އަޅުގަނޑު މިހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް" ނަޝީދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ މި އަމުރާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ މިއީ ސަރުކާރުގެ ނުފޫޒު އޮވެގެން ނެރެފައިވާ އަމުރެއް ކަމަށެވެ.
އާއިލާގެ ދުޅަހެޔޮ ކަމަށްޓަކައި ނިދި ވަރަށް މުހިއްމު!
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!
އީރާނުގެ ޖަވާބާމެދު ޓްރަމްޕް ހިތްހަމަނުޖެހިއްޖެ