ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި މަންދު ކޮލެޖް ހިންގަން ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި އެ ކޮލެޖްގެ ވެރިޔާ، އިބްރާހިމް އިސްމާއިލް (އިބްރާ)އަށް ބަދަލު ދޭން ޖޭހޭ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކުކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ލިބޭ ގެއްލުމެއް ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށާއި އިބުރާއަށް ވެސް ހައްގު ބަދަލެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހައްގު ބަދަލު އެބޭފުޅުންނަށް، އިބްރާއަށް އެ މަދަރުސާއަށް ދޭން ޖެހޭނެ. ހައްގު ބަދަލަކީ، ޝަރީއަތުން ދޭން ޖެހޭ އެއްޗެއް. އެއީ އަޅުގަނޑުމެންނާ ގުޅޭ ވާހަކައެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިބްރާ ކޮލެޖު ހިންގަވަމުން އައީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިބްރާ އެ ކޮލެޖުން ނެރެ އެތަން ހިންގުން ހުއްޓުވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން އެ މައްސަލައިގައި ރުޅިގަދަވެ ފާޅުގައި އިބުރާއަށާއި ސަރުކާރަށް ފާޑު ވިދާޅުވާ އިރު މިއީ މި މައްސަލައިގައި އެ މަނިކުފާނުގެ ވިސްނުންފުޅު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

މަންދަށް ކޮލެޖަށް 15 މިލިއަން ދޭން ސަރުކާރުން ކޯޓުގައި އެއްބަސްވީ، އެ ކޮލެޖަށް ބަދަލުގައި ގޮތުގައި ދޭން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ލަފާ ދެއްވާފައި ވަނިކޮށެވެ. ނަމަވެސް ބަންޑާރަ ނައިބު އޮފީހުން މިދިޔަ ހޯމަ ދުވަހު ބުނެފައި ވަނީ، އެއީ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލެއް ކަމަށާއި އޮޑިޓް އޮފީހުގެ ލަފާ ގާނޫނާ ތައާރަޒުވާ ކަމަށެވެ.

އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާގައި ސަރުކާރުން އެއްބަސްވެގެން 15 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސިވިލް ހުކުމް ކުރި އެވެ.

އިގްތިސާދީ ގޮތުން މިފަދަ ދަތި ހާލަތެއްގައި އެވަރުގެ ބަދަލެއް ދިނުމަށް ސަރުކާރު އެއްބަސްވެފައި ވާތީވެ، އެމްޑީޕީ މަޖިލިސް މެމްބަރުންނާއި ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރި އެވެ.