އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް އަލުން ހަމަލާދޭން ފެށުމާމެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ. މިއީ އީރާނުން އެންމެ ފަހުން ހުށަހެޅި އެއްބަސްވުމުގެ ހުށަހެޅުމަކީ "މޮޔަ" ކަމެއް ކަމަށް ޓްރަމްޕް ސިފަކުރެއްވުމަށްފަހު އައި ނިންމުމެކެވެ.
ހަފްތާތަކެއްގެ މެދުކެނޑުމަކަށްފަހު، ހަމަލާދެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޓްރަމްޕް މިއަދުގެ ވަގުތެއްގައި ގައުމީ ސަލާމަތީ މަޖިލީހުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ މަނަވަރުތަކަށް އީރާނުން ނުރައްކާ ކުރަމުންދާ ކަމަށް ބުނެ، އެމެރިކާ ސިފައިން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދީފަ އެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ޖޭޑީ ވެންސް، ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު، ސީއައިއޭގެ ވެރިޔާ ޖޯން ރެޓްކްލިފް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓްރަމްޕް ބޭނުންފުޅުވަނީ އީރާނަށް ކޮންމެވެސް ވަރެއްގެ ލަޑެއް ދޭށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދޫދިނުމަށް މަޖުބޫރުކުރުވުމަށާއި، އެ ގައުމުގެ ސަރުކާރަށް ޕްރެޝަރު ބޮޑުކުރުމަށްޓަކައި އަސްކަރީ ފިޔަވަޅެއް އެޅުމަށް ޓްރަމްޕް ބޭނުންފުޅިވާ ކަމަށް ދެ އޮފިޝަލަކު ބުނެފައިވެއެވެ.
ނިމިދިޔަ ހަފްތާގައި އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ޓްރަމްޕް ފާޅުކުރެއްވި ނަމަވެސް، ޕާކިސްތާނު މެދުވެރިކޮށް ލިބުނު އީރާނުގެ ޖަވާބަށްފަހު، މިހާރު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އޮތީ "ނޭވާ ހޮޅިއަށް އެޅިފައި" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނު ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ކުރީކޮޅު ފަސްކުރި ޗައިނާ ދަތުރުފުޅު އަލުން ފެއްޓެވުމަށް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ. އަދި ޗައިނާގެ ރައީސާއެކު އީރާނު ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ބާރު ނައްތާލުމުގެ ގާބިލުކަން ހުރީ ހަމައެކަނި އެމެރިކާ ނުވަތަ ޗައިނާގައި ކަމަށާއި، އެކަން ކުރެވޭނެ އެހެން އެއްވެސް ގައުމެއް ނެތް ކަމަށެވެ.
އައިޝްވާރްޔާއާއެކު އާލިއާ ވެސް ކޭންސް ފެސްޓިވަލަށް!
އާއިލާގެ ދުޅަހެޔޮ ކަމަށްޓަކައި ނިދި ވަރަށް މުހިއްމު!