މިއަދުގެ ޑިޖިޓަލް މާހައުލުގައި މައުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައިވާއިރު، ހަބަރާއި މައުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި މުޅި އިގްތިސާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މިއަދު ވިލާނޯޓިކާގައި މިއަދު ފެށި އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މާލީ ދާއިރާއާއި މީޑިއާގެ ދާއިރާއަކީ އެއް ދާއިރާއެއް އަނެއް ދާއިރާއަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާ ކަމަށެވެ.
މާލީ ނިޒާމަށް އޮންނަ އިތުބާރު މީޑިއާއާ ގުޅިފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އާންމުންނާ ހަމައަށް ފޯރުކޮށްދެވޭ މައުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ އެ އިތުބާރަށް ލޮޅުން އެރުން ބިނާވެގެންވާކަމަށެވެ. މިއީ ހަމައެކަނި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މުހިންމު ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ގައުމުގެ އިޤްތިޞާދުގެ ބިންގާ ކަމުގައިވާ ބައިނަލްއަގުވާމީ ގުޅުންތަކަށްވެސް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިން ގުޅުންތަކާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ތަރައްޤީއަށް މަސައްކަތްކުރާ އިދާރާތައް ހިމެނެ އެވެ.
މީޑިއާގެ ދައުރަކީ ނުހަނު ބޮޑު މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، ހަބަރުތަކާއި މައުލޫމާތު ވަގުތުން އަދި ސައްހަކަމާއެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށާއި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.
"ހަގީގަތާ ހިލާފު މައުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން، އެއްވެސް ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު އެންމެ މުއައްސަސާއަކަށް ކުރުމަށްވުރެ ބޮޑަށް މުޅި މުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮވޭ،" ޝަރީފް ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ގުޅުންތަކަށް ހަލުވިކަން އައި ނަމަވެސް، މަޢުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަހުލާގު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ހަގީގީ މަޤުސަދަކީ އެންމެން ބައިވެރިކުރުމާއި، ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި، އިތުބާރު ޤާއިމުކުރުމުގެ އިތުރުން، އެމީހަކު ދިރިއުޅޭ ތަނަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްމެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މީޑިއާ ބަލައިގަންނަނީ ގައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއާއި މީޑިއާގެ ކުރިއެރުވުމަށް ބޭންކުން ވަނީ މާލީ އެހީތެރިކަމާއި ސްޕޮންސާޝިޕްތަކުގެ އިތުރުން ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޕީއެސްއެމްއާއި އޭޝިއާ ޕެސިފިކް އިންސްޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް އިންތިޒާމްކޮށްގެން ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ފުރަތަމަ މީޑިއާ ސަމިޓެވެ. މި ސަމިޓްގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
އަޅުގަނޑު މިހުރީ ކޯޯޓު އަމުރާ ހިލާފުވާން ތައްޔާރަށް: ނަޝީދު
