އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާތައްކޮށްގެން އުޅޭ މައްސަލައިގައި ހިމެނޭ "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރު ލިޔުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައި އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ނޫސްވެރިއަކު ޖަލަށްލި ފުރަތަމަ ފަހަރެވެ.
މިއަދު ހެނދުނު 11:00 އަށް ކޯޓަށް ލީވާން ހާޒިރުވީ ވަކީލާކާ ނުލަ އެވެ. އޭނާ އެދުނީ ވަކީލެއް ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ބެންޗުން ނިންމީ އެންމެ ދެ ގަޑިއިރު ލީވާނަށް ދިނުމަށެވެ. އެއާއެކު އޭނާ ކޯޓަށް ހާޒިރުވީ 14:00 އަށެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ހިލާފަށް ރައީސް މުއިއްޒުއާ ސުވާލުކުރި ކަމަށް ބުނެ މުހައްމަދު ޝަހުޒާން މިއަދު މެންދުރުފަހު 1 ޖަހާއިރަށެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. އޭނާ އެދުނީ ވަކީލަކު އައްޔަންކުރަން ފުރުސަތު ދޭން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ވަކީލަކު އައްޔަންކުރަން ޝަހުޒާނަށް ދިނީ ދެ ގަޑިއިރުގެ ވަގުތެކެވެ. ދެ ގަޑިއިރު ފަހުން އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ޝަހުޒާން ބުނިގޮތުގައި އެ ވަގުތުގެ ތެރޭގައި އޭނާ ތަމްސީލްކޮށްދޭނެ ވަކީލަކު ހަމައެއްނުޖެހުނެވެ.
ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއް ނުދީ، ކޯޓުން ނިންމީ ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އޭގެ އަދަބަކަށް 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރި އެވެ. އަދި 25,000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކުރި އެވެ.
މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފްގެ ބަޔާން ނެގުމަށް ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ވެސް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
އީރާނުގެ ޖަވާބާމެދު ޓްރަމްޕް ހިތްހަމަނުޖެހިއްޖެ