އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ޖަލުން މިނިވަންކުރުމަށް ގޮވާލައި ރޭ ކުރި މުޒާހަރާ އިން ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

މުޒާހަރާއިން ހައްޔަރުކުރީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއްނުކުރެ އެވެ.

މަޖީދީމަގަމާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ކުރި އެ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ. ނަޝީދު ވަނީ އެ ދެ ނޫސްވެރިން ވަގުތުން ވަގުތަށް މިނިވަންކުރުމަށް ގޮވާލާފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހިމެނޭހެން ސިޔާސީ ބައެއް އިސް ފަރާތްތަކުން ވެސް މުޒާހަރާގައި ބައިވެރިވެފައިވެ އެވެ.

ނޫސްވެރިޔާ ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒާ ސުވާލެއް ކުރުމުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބުނެ އެވެ. ލީވާން 10 ދުވަހަށް ޖަލަށްލީ އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން ހުރިހާ ރައްޔިތުންނަށް މަނާކޮށް ކޯޓު އަމުރެއް ނެރެފި ކަމަށް ހަބަރުގައި ލިޔުމުންނެވެ.

އެ ދެ ނޫސްވެރިންނަށް ހުކުމް އިއްވީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ އަވަސް އަރުވާލައިގެންނެވެ. އެއީ ރައީސް މުއިއްޒުގެ ނުފޫޒުން އިއްވި ހުކުމެއް ކަމަށް އަދަދު ނޫހުން ތުހުމަތު ކުރެ އެވެ.

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެތައް ބަޔަކު އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކާފައިވާއިރު، ހަމައެކަނި އެ ނޫހުގެ ނޫސްވެރިން ޖަލަށްލުމަކީ ވަކި ބަޔަކާ ޖައްސާލައިގެން ސަރުކާރުން އުޅޭކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރޭގެ މުޒާހަރާގައި ޕީއެންއެފްގެ ސަޕޯޓަރުން ގެންގުޅުނު އެލް ސޯފާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ.