ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އާއި އީރާނަށް އުފަން ފަރަންސޭސި އެކްޓްރެސް ގޮލްޝިފްތެ ފަރަހާނީއާ ދެމެދު، މަސްތަކެއް ވަންދެން ގާތް ގުޅުމެއް އޮތް ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން، ފަރަންސޭސިވިލާތުގައި މިކަމުގެ ބަހުސް ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

މި ވާހަކަތައް ފެންމަތިވެފައި މިވަނީ ފްރާންސްގެ ނޫސްވެރިއެއް ކަމަށްވާ ފްލޮރިއަން ޓާޑިފް ނެރުނު އާ ފޮތެއްގައި އެ ގުޅުމާއި ގުޅޭގޮތުން ލިޔެފައި އޮތުމުންނެވެ.

'ޕެރިސް މެޗް' ގެ ނޫސްވެރިއެއް ކަމަށްވާ ޓާޑިފް ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ވިއެޓްނާމްގެ ހެނޯއީއަށް ވަޑައިގެން، ބޯޓުން ފައިބައިވަޑައިގަތުމަށް ތައްޔާރުވަމުން ދިޔަ ވަގުތުގަ އެވެ. ދަތުރުފުޅުގެ ތެރެއިން، އަނބިކަނބަލުން ބްރިޖިޓް ވަނީ މެކްރޮންގެ މޫނުގައި ޖައްސަވާފައި ކަމަށްވެސް ބުނެފައިވެއެވެ. މި ހާދިސާ ވަނީ ކެމެރާތަކަށްވެސް އަރާފަ އެވެ.

މި ރިޕޯޓްތަކުގައި ދެ ބޭފުޅުންގެ މެދުގައި ޒާތީ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ފްރާންސްގެ ފަސްޓް ލޭޑީ ބްރިޖިޓް މެކްރޮންއަށް މި މެސެޖުތައް މިދިޔަ އަހަރު ފެނިވަޑައިގަތުމާ ގުޅިގެން، ރައީސްގެ ކައިވެނިފުޅުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ބުނެ ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

ނަމަވެސް، މި ތުހުމަތުތަކާ ގުޅިގެން ރައީސް މެކްރޮންގެ އޮފީހުންނާއި ފަރަހާނީ ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.