މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި 550،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މި ފިޔަވަޅު އަޅާފައި ވަނީ، ބާރަށުގެ ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދުތަކަށް އުނިކަން އަންނަ ގޮތަށް އެމްޓީސީސީން މަސައްކަތް ކޮށްފައިވާތީ އެވެ.
އީއާރްއޭ އިން ބާރަށަށް ޒިޔާރަތްކޮށް ހެދި އިންސްޕެކްޝަނުން އެނގުނު ގޮތުގައި، އެ ރަށުގެ ކުޅި، ފާ އަދި ޗަސްބިމުގެ ސަރަހައްދުން ހުއްދައާ ނުލައި ވަނީ ރުއްގަސް ނަގައިފަ އެވެ.
ޖުމްލަ ޖޫރިމަނާގެ ތެރޭގައި ހިމެނެނީ ތަބީއީ ގޮތުގައި ރައްކާތެރިކުރާ ތަންތަނާބެހޭ ގަވާއިދުގެ ދަށުން ކުރި 500,000 ރުފިޔާގެ ޖޫރިމަނާއާއި، ރަށްރަށުގެ ފެހިކަން ދެމެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން ކުރި 50,000 ރުފިޔާގެ ޖޫރިމަނާއެކެވެ.އަދި މަގު ހެދުމުގެ މަސައްކަތުގައި ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ގަސް ނުކެނޑުމަށް ކުރިން އަންގާފައި އޮތް އޮތުމަށް އެމްޓީސީސީން އިޖާބަދީފައި ނުވާކަން އީއާރްއޭ އިން ފާހަގަކުރި އެވެ.
މި މައްސަލައިގައި އީއާރްއޭގެ ކަންބޮޑުވުން އެންމެ ބޮޑަށް އަމާޒުވީ ބާރަށު ކައުންސިލަށެވެ. ތިމާވެށި ހިމާޔަތްކުރުމުގައި ރަށު ފެންވަރުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ ފަރާތަކީ ކައުންސިލް ކަމަށްވީ ނަމަވެސް މި ފަދަ ބޮޑު ކަމެއް ހިނގިއިރު ވެސް ކައުންސިލުން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެއާއެކު ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 5.5 ލައްކަ ރުފިޔާ، އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި 'ބަނޑޭރި ޕޭ' މެދުވެރިކޮށް ދައްކައި ޚަލާސްކުރުމަށް އެމްޓީސީސީއަށް ވަނީ އަންގާފައެވެ.
މާފުށީ ކައުންސިލަށް ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަން ކުރައްވައިފި
ޝަހުބާން ހައްޔަރުކޮށް ކަރެކްޝަންސްއާ ހަވާލުކޮށްފި