ސިޓިންގް ރޫމްއަކީ ގޭގެ "ހިތް" ކަމުގައި ބުނެވިދާނެ އެވެ. މުޅި ދުވަހުގެ ވަގުތުތައް ހޭދަކުރުމަށާއި، މެހެމާނުންނަށް މަރުޙަބާ ކިޔުމަށް އެންމެ ގިނައިން ބޭނުންކުރާ ސަރަޙައްދަކީ އެއީ އެވެ.

ބައެއް ފަހަރު، ޓްރެންޑީ އަދި އަގުބޮޑު ފަރުނީޗަރާއި ކުލަތައް ބޭނުންކޮށްގެން ސިޓިންގްރޫމް މަރާމާތު ކުރުމުން ވެސް، ކޮންމެވެސް އެއްޗެއް މަދުވާހެން ނުވަތަ ކޮޓަރީގެ "ވައިބް" އެއްގޮތަކަށް ވެސް ކަމުނުދާހެން ހީވާ ފަހަރު އާދެ އެވެ.

އިންޓީރިއާ ޑިޒައިނަރުން ބުނާގޮތުގައި، މިހެން ދިމާވަނީ ޒީނަތްތެރި ކުރުމުގައި ހެދޭ ވަރަށް އާދައިގެ ނަމަވެސް ބޮޑެތި ބައެއް ގޯސްތަކެއްގެ ސަބަބުންނެވެ. ގޭގެ ސިޓިންގްރޫމް ފުރިހަމަ ކުރަން ބޭނުންނަމަ، ދޫކޮށްލަންޖެހޭ 5 ގޯހެއް ތިރީގައި މިވަނީ އެވެ.

1. ފަރުނީޗަރުތައް ފާރުގައި ޖައްސާފައި ބެހެއްޓުން

ގިނަ މީހުންނަށް ހީވަނީ ސޯފާ އާއި ގޮނޑިތައް ފާރުގައި ޖައްސާފައި ބެހެއްޓުމުން ކޮޓަރި ބޮޑުކޮށް ފެންނާނެ ކަމަށެވެ. ނަމަވެސް، މިއީ ކޮޓަރީގެ ދިރުން ގެއްލުވާލާ ކަމެކެވެ. އޭގެ ބަދަލުގައި، ފަރުނީޗަރުތައް ފާރާ ފަސްވަރަކަށްސެންޓިމީޓަރު ދުރަށް ޖައްސާލައި، ކޮޓަރީގެ މެދަށް ވާގޮތަށް އަތުރާލުމުން މާ ހިތްފަސޭހަ އަދި ޒަމާނީ ގޮތަކަށް ސިޓިންގްރޫމް ފެންނާނެ އެވެ.

2. ކުޑަ ރަގް (ކާޕެޓް) ބޭނުންކުރުން

ކާޕެޓަކީ މުޅި ސިޓިންގްރޫމް އެއްބައި ކޮށްލައިދޭ މުހިންމު އެއްޗެކެވެ. ބޮޑުމިނާ ނުބައްދަލު ކުޑަ ކާޕެޓެއް ބެހެއްޓުމުން، ފަރުނީޗަރުތައް ހުންނާނީ ވަކިވަކިވެފަ އެވެ. ރަނގަޅު ގޮތަކީ، ސޯފާގެ ކުރީގެ ދެ ފައި ނުވަތަ ސިޓިންގްރޫމްގެ ހުރިހާ ފަރުނީޗަރެއްގެ ފައިތައް އެކީގައި މަތީގައި ބެހެއްޓޭނެ ފަދަ ބޮޑު ކާޕެޓެއް އިޚްތިޔާރު ކުރުމެވެ.

3. އެންމެ އަލި މަގަކަށް ބަރޯސާވުން

ކޮޓަރީގެ ސީލިންގުގައި ހުންނަ މައި ބޮކީގެ އަލިން އެކަނި މުޅި ސިޓިންގްރޫމް އަލިކުރުމަކީ ހެދޭ ބޮޑު ގޯހެކެވެ. މީގެ ސަބަބުން ކޮޓަރިން ފެންނާނީ ފޫހި އަދި ހިޔަނި ގިނަ ސިފަ އެކެވެ. އޭގެ ބަދަލުގައި، ތަފާތު ލެވެލްތަކުގެ އަލި ބޭނުންކުރާށެވެ. މިސާލަކަށް ތަޅުމުގައި ބަހައްޓާ ބޮކި، މޭޒުމަތީ ބޮކި އަދި ފާރުގައި ހަރުކުރާ "ވާމް ލައިޓް" ބޮކިތައް ބޭނުން ކުރުމުން ކޮޓަރިއަށް ހިތްގައިމު ކަމެއް ލިބޭނެ އެވެ.

4. ފަރުދާ މާ ތިރީގައި ހަރު ކުރުން

ފަރުދާ ހަރުކުރާ ދަނޑި، ކުޑަދޮރުގެ މަތީ ފްރޭމާ ދިމާލުގައި ހަރުކުރުމުން ކޮޓަރި ކުޑަވެފައި ސީލިންގް ތިރިހެން ހީވެ އެވެ. ކޮޓަރި ބޮޑުކޮށް އަދި އުސްކޮށް ދައްކަން ބޭނުންނަމަ، ފަރުދާ ދަނޑި ހަރުކުރަންވާނީ ސީލިންގާ ވީހާވެސް ކައިރީގަ އެވެ. ފަރުދާ ކުޑަދޮރަށް ވުރެ ދެފަރާތުން ފުޅާކޮށް ބެހެއްޓުމުން ގިނައިން އަލި ވަނުމަށް މަގުފަހިވެ އެވެ.

5. ކޮޓަރި ފުރާލުން

ޓްރެންޑަކަށްވާ ކޮންމެ ސިލްވާ ގޯލްޑް ނުވަތަ ލަކުޑީގެ ގަހަނާއަކާއި، ހުރިހާ ވައްތަރެއްގެ ކުދި ބާލީސްތަކެއް ސޯފާ މައްޗަށް ޖަމާކުރުމަކީ ކޮޓަރި "ބޮލަށް އުނދަގޫ" ތަނަކަށް ހަދާލާ ކަމެކެވެ. އިންޓީރިއާ ޑިޒައިންގައި މަދުވީ ވަރަކަށް ފުރިހަމަވާނެ ކަމަށް ގަބޫލުކުރާ މި އުޞޫލަށް ވިސްނާށެވެ. ހުސް ޖާގައަކީ ލޮލަށް ފަސޭހަ ކޮށްދިނުމަށް ކޮޓަރިއެއްގައި ހުންނަން ޖެހޭ މުހިންމު ބައެކެވެ.

ގޭގެ ރީތިކަން ބިނާވަނީ ހަމައެކަނި ތަކެތީގެ އަގަކަށް ނޫނެވެ. ބޮޑަށް ބިނާވަނީ އެ ތަކެތި ބަހައްޓާ ތަރުތީބަށާއި، ކޮޓަރީގެ ބޮޑުމިނާ އެކަށީގެންވާ ގޮތަށް ހުންނަ ނިސްބަތަށެވެ.