ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އާ ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފި އެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ވަށްމާފުށީގެ ތަފާތު ހިދުމަތްތަކުން ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓްތައް ލިބޭ ހިދުމަތްތަކުގެ ތެރޭގައި، އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދަމުންދާ ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗާ ހިމެނޭކަން ފާހަގަކޮށްލެވެ އެވެ. އަދި މީގެ އިތުރުން ބީޗް ޑިނާ، ބީޗް ޕިކްނިކް، ފުލް މޫން ޑިނާ، ބޮންފަޔާ، ގްރިލް ހަޓްގެ އިތުރުން "އެކްސްޕްލޯ ވަށްމާފުށި" ހަރަކާތްތައް ވެސް ހިމެނެ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް މި ހުރިހާ ހިދުމަތްތަކުން 5 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ކަސްޓަމަރުން ބުކިންގް ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.