ކުއްލިއަކަށް ލިބޭ އުފާވެރި ކަމެއް ނުވަތަ ހަދިޔާ (ސަޕްރައިޒް) އިން އުފާވެރި އިހުސާސްއެއް ކޮންމެ މީހަކަށް ވެސް ކުރެ އެވެ. ލޯބިވާ މީހަކަށް ސަޕްރައިޒެއް ދިނުމުން އެ މީހެއްގެ މޫނު މައްޗަށް އެ ވެރިވެގަންނަ އުފާވެރި ކަމުގެ ސަބަބުން އަބަދުވެސް ސަޕްރައިޒް ދޭން ބޭނުންވެ އެވެ.
ބުނެފައި ދޭ ހަދިޔާއިން މި ބުނި ބަދަލު އެ މީހެއްގެ މޫނުމަތިން ގިނަ ފަހަރަށް ނުފެނިދާނެ އެވެ. އެއީ ކުރިން އެ ވާހަކަ ބުނެފައި ވާތީ އެ މީހެއްގެ ސިކުނޑި އެ ކަމަށް ތައްޔާރުވެވިފައި ވީތީ އެވެ. އެފަދަ ހަދިޔާއަކުން އުފާވެރިކަމެއް ލިބުނު ނަމަވެސް ސަޕްރައިޒަކުން ލިބޭ ކުއްލި "ޝޮކް" ނުލިބެ އެވެ.
ކުރިން އެނގުމަކާ ނުލައި ކުއްލިއަކަށް ތިމާއަށް ލިބޭ ހަދިޔާއަކުން އުފާވަނީ ކީއްވެ ހެއްޔެވެ؟
އަންގާނުލާ ދެވޭ ހަދިޔާ އަކީ ލޯތްބާއި ގާތްކަން ރަމްޒު ކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން އެމީހަކީ އަނެކާއަށް މުހިންމު މީހެއްކަން އަންގައިދެ އެވެ. އަޅާލުމާއި އޯގާތެރިކަން އޭނާއަށްޓަކައި އަނެކާގެ ހިތުގައި ވާކަން ދައްކުވައިދެ އެވެ.
އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް ހިނގާނެ ކަންކަން ހުންނަނީ ތާވަލްވެފަ އެވެ. މީހަކަށް ދެވޭ ސަޕްރައިޒްއަކުން އެމީހަކު އެދުވަހު ކަންކަން ކުރަން ވިސްނާފައި ވާގޮތަށް ބަދަލު އާދެ އެވެ. މިކަމަކީ ފަހަރުގައި އެ މީހަކަށް މަޖާކަމަކަށް އަދި ބައެއް ހާލަތުގައި ހިތްނުތަނަވަސް ކުރުވާ ކަމަކަށް ބަދަލުވެ އެވެ.
ސަޕްރައިޒް މަޖާކަމަކަށްވާ މައިގަނޑު 3 ސަބަބަށް ބަލާލާއިރު ފުރަތަމަ ސަބަބަކީ އޭގެ ސަބަބުން އުފާވެރިކަން އިހްސާސްވާ ކަމެވެ.
ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ސަޕްރައިޒް ލިބޭ ފަރާތާއި އަދި ސަޕްރައިޒް ދޭފަރާތުގެ ސިކުނޑިއަށް ބަދަލުތަކެއް އާދެ އެވެ. "ޑޯޕަމިން" އޭ ކިޔާ ހޯމޯން ދެ މީހުންގެ ސިކުނޑިން އުފައްދަން ފަށަ އެވެ.
ހަދިޔާއެއް ލިބެން އުޅޭކަން ރޭކާނުލާ ހުއްޓައި ހަދިޔާ ސަޕްރައިޒެއްގެ ގޮތުގައި ލިބޭއިރު، އެ ހަދިޔާ ދިން މީހަކީ ވަރަށް ގާތް މީހެއް ނަމަ، އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެ އެވެ. ހަމަ އެފަދައިން ސަޕްރައިޒް ލިބޭ މީހާއާ އެއްވަރަށް ސަޕްރައިޒް ދޭ މީހާއަށް ވެސް، އެ އުފާވެރިކަމުން އެއްބައި ލިބެ އެވެ. އުފާވެރިވުމަކީ ދިރިއުޅުމާއި ދޭތެރޭ ހިތްހަމަޖެހޭނެ ކަމެކެވެ. އެކަކު އަނެކަކަށް ސަޕްރައިޒް ދޭން ޖެހެނީ މި ސަބަބަށްޓަކަ އެވެ.
ސަޕްރައިޒް ދިނުމަކީ ދާއިމީކޮށް ސިކުނޑީގައި އެ ހަނދާންތައް ބިންވަޅު ނެގޭ ކަމެކެވެ. އެ ސަޕްރައިޒަކީ ދިއްކޮށްލެވޭ ހަދިޔާއެއް ނަމަވެސް ނުވަތަ ދެވޭ ކެއުމުގެ ދައުވަތެއް ނަމަވެސްމެ އެވެ.
ސަޕްރައިޒް މެސެޖް
ސަޕްރައިޒް މެސެޖަކީ ވެސް ހަމަ ކުއްލިއަކަށް ދެވޭ ހަދިޔާއެއް އެފަދަ އެއްޗެކެވެ. އުއްމީދު ނުކޮށް ހުއްޓައި ލިބޭ އުފާވެރި ސަޕްރައިޒް މެސެޖުން، ލިބުނު އުފާވެރި ތަޖުރިބާއެއްގެ ގޮތުގައި ސިކުނޑީގައި ރައްކާކުރެވެ އެވެ. ވީމާ އެތައް އަހަރަކަށް ވެސް އެ ވާހަކަ ހަނދާނުގައި ހުރުމުގެ ސަބަބުން މީހުންނަށް ތަކުރާރުކޮށް ކިޔައިދޭ ވާހަކައަކަށް އެ ހަނދާންވެ އެވެ.
ސަޕްރައިޒް ދިނުމަކީ ދޭދޭ ގުޅުން ވަރުގަދަ ކުރުވާ ކަމެކެވެ. ސަޕްރައިޒް ލިބުނު މީހާ ސަޕްރައިޒް ދިން މީހާ އާ ދޭތެރޭ ތަފާތު ނަޒަރަކުން ދެކެވެ އެވެ. ހާލަތާއި ދިން ސަޕްރައިޒް ހަދިޔާއާ ދޭތެރޭ ފުންކޮށްވިސްނަ އެވެ.
ވީމާ އަންގާ ނުލައި ހަދިޔާ (ސަޕްރައިޒް) ދިނުން ގިނަ ކުރާށެވެ. އުފާވެރިކަން ފަތުރާށެވެ. ދޭދޭ ގުޅުން ރަނގަޅު ކުރުމަށް ހަދިޔާ ބަދަލު ކުރުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް މުހިންމު ފަރުވާއެކެވެ.