ހުދު ދޮންވެލީގެ ވާހަކަ ބުނުމުން އަހަރުމެން ދިވެހިންގެ ހިތަށް ސިފަވާނީ މި ދިވެހި ރާއްޖޭގެ ސާފު ހުދު ގޮނޑުދޮށްތަކެވެ. މިފަދަ ގޮނޑޮދޮށްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނުން ވަރަށް މަދެވެ.
އެހެން ނަމަވެސް އެމެރިކާގެ ނިއު މެކްސިކޯ ސްޓޭޓަށް ދަތުރުކޮށްފި ނަމަ، ހީވެސް ނުކުރާ ފަދަ އަޖައިބުން ފުރިގެންވާ މިފަދަ މަންޒަރެއް ފެންނާނެ އެވެ.
މޭލުތަކަކަށް ފެތުރިފައިވާ، ސްނޯ ފަދަ ހުދު، ކުލަބޮކިޖަހާ ދޮންވެލީގެ ފަރުބަދަ ތަކެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޖިޕްސަމް ސަހަރާ ކަމަށްވާ ވައިޓް ސޭންޑްސް ނޭޝަނަލް ޕާކް އެވެ.
ދިވެހިންނަށް ހުދު ދޮންވެލިގަނޑަކީ އާ އެއްޗަކަށް ނުވިޔަސް، މިއީ އާދައިގެ ރަށެއްގެ ގޮނޑުދޮށެއް ނޫނެވެ. މިއީ އެތައް ހާސް އަހަރެއް ކުރިން އުފެދިފައިވާ ހޫނު ގަދަ ސަހަރާ އެކެވެ.
މި ތަނުގެ ވެލި ތަފާތުވަނީ ކީއްވެ؟
ހޫނުގަދަ ސަހަރާއެކޭ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ ހިރަފުސް އަރާފައިވާ މުށި ނުވަތަ ރީނދޫ ކުލައިގެ ވެލި ހުންނަ ސަހަރާތަކެވެ. އެއީ ކުުއާާާޓްޒް އެކުލެވޭ ވެއްޔެވެ.
އެހެން ނަމަވެސް ވައިޓް ސޭންޑްސްގެ ވެލި އުފެދިފައިވަނީ ޖިޕްސަމް ކްރިސްޓަލް ތަކަކުންނެވެ. ޖިޕްސަމް އަކީ ފެނަށް ގިރުމުގެ ސިފަ ހުންނަ މާއްދާ އެކެވެ. އެހެންކަމުން އާއްމުކޮށް މި ބާވަތުގެ ވެލި ކަނޑަށް ދެމިގެންދާތީ ސަހަރާ ތަކަކުން ނުފެންނާނެ އެވެ.
މި ސަރަހައްދު އޮންނަ ގޮތުން، ވާރޭ ވެހިގެން ފައިބާ ފެންގަނޑު ކަނޑަކަށް ނުދެ އެވެ. އެ ފެންގަނޑު ބިމަށް ހިނދި، އިރުގެ ހޫނުން އާވި އެޅުމުން ހުދު ކުލައިގެ ޖިޕްސަމް ކްރިސްޓަލްތައް ބިމުގައި ބާކީވެ އެވެ. ވައިގެ ސަބަބުން މި ކްރިސްޓަލްތައް ފުނޑުފުނޑުވެ، މަޑު ވެއްޔަށް ބަދަލުވެ އެވެ.
ހައިރާން ކުރުވަނިވި ކުރުވަނިވި ހަގީގަތެއް!
ޖިޕްސަމްއަކީ އިރުގެ ހޫނު ހިފަހައްޓާ މާއްދާއެއް ނޫނެވެ. އެހެން ކަމުން، އިރުގެ ހޫނުމިން ކިތަންމެ ގަދަ ވިޔަސް، މި ވެލިގަނޑު އަބަދުވެސް ހުންނާނީ ފިނިކޮށެވެ. ކޮންމެ މީހަކަށްވެސް ފައިވާނާ ނުލައި ހުސްފަޔާ މި ވެލިގަނޑުގައި ހިނގާލެވޭނެ އެވެ. މިއީ ހޫނު ސަހަރާއަކަށް ވިސްނާލާއިރު ވަރަށް ވެސް ހައިރާން ކުރުވަނިވި ކަމެކެވެ.
ދިރުންތަކުގެ އަޖާއިބު
ކޮންމެ ސަހަރާއަކީވެސް ދިރިއުޅެން އުނދަގޫ ތަނެކެވެ. ނަމަވެސް ވައިޓް ސޭންޑްސްގެ ތަފާތު ތިމާވެށީގެ ސަބަބުން، އެތަނުގައި އުޅޭ ދިރުންތައް ވަނީ ހާއްސަ ގޮތް ގޮތަށް އެތަނަށް އަހުލުވެރި ވެފަ އެވެ.
އެގޮތުން މި ސަހަރާގައި އުޅޭ ބައެއް ދިރުންތަކަށް ޝިކާރަވެރިންގެ ކިބައިން ސަލާމަތް ވުމަށްޓަކައި ހުދު ކުލައަށް ބަދަލުވުމުގެ ގާބިލުކަން ލިބިފައިވެ އެވެ.
ވައިޓް ސޭންޑްސް ނޭޝަނަލް ޕާކަކީ ގުދުރަތުގެ ހައިރާން ކުރުވަނިވި އާދަޔާޚިލާފު ހެއްކެކެވެ. ސަހަރާއެއްގެ މެދުގައި އޮތް މި ހުދު ހުދު ވެލިގަނޑަކީ ދުނިޔެ މަތިން ފެންނާނެ އެންމެ އަޖާއިބު ކުރުވަނިވި އެއް މަންޒަރެވެ.