ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޙަމަލާ ޗައިނާ އިން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރޭ ކުރީގެ ރައީސް ނަޝީދަށް ދެވުނު ހަމަލާ ކުށްވެރި ކުރާ ކަމަށާއި އަދި އެމަނިކުފާނަށް ލިބިވަޑައިގަތް ޒަހަމްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.
ރޭގެ ހަމަލާ އާއި ގުޅިގެން ވަރަށް ގިނަ ޤައުމުތަކުގެ މަންދޫބުންނާއި، އަދި ބޭރުގެ އިސް ފަރާތްތަކުން ދަނީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އަދި މީގެ އިތުރުން ގިނަ އަދަދެއްގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އެކި ލެވެލްގެ ވެރިން އަންނަނީ ކުށްވެރިކޮށްފަ އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގެ ހަމަލާއަކީ ކުރީގެ ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއެއް ކަމަށާއި މިހަމަލާ ފުލުހުން އެންމެ އިސްކަމެއްދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރޭ ކުރީގެ ރައީސް ނަޝީދަށް މަޖީދީމަގުގައި އެމަނިކުފާނު ކާރުކޮޅަށް އަރަނިކޮށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ރޭއިން ފެށިގެން ރައީސް ނަޝީދަށް އޭޑީކޭ ގައި ފަރުވާ ދެމުނެވެ. ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ކުރަން ޖެހޭ ކަމަށް އޭޑީކޭއިން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވަނީ ބުނެފަ އެވެ.
ރޭގެ ހަމަލާގައި ދެން އަނިޔާވެފައިވަނީ ރައީސް ނަޝީދުގެ ބޮޑީގާޑުންނަށާއި ފަތުރުވެރިއަކަށް އަދި އާންމުންގެ މީހަކަށެވެ. އެހެން ނަމަވެސް އެއިން މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވެއެވެ.
ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޙަމަލާއަކީ ދިވެހި ގައުމާއި ގައުމުގެ އިގްތިސާދަށް ވެސް ދިން ހަމަލައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އެހަމަލާ ތަހުގީގުކޮށް އެކަމުގައި ބައިވެރިވާ އެންމެނަށް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.