ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު އަކީ ފައިސާ ފަހަތުން ދުވާ މީހެއްކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ރިޕޯޓުން ހާމަވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު އޭނާއަށް ވުރުފަދަ ރައްދެއް ދެއްވައިފި އެވެ.
ޕީއެންސީން ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ޝުޖާއު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ކެބިނެޓުން ޖާގައެއް ދެއްވިނަމަ ޖަމީލް ރައީސް އަބްދުﷲ ޔާމީނާއެކު ނުހުންނަވާނެ ކަމަށެވެ.
އެ ވާހަކައަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ޝުޖާއުގެ ކޮރަޕްޝަންތައް އެފްއައިޔޫގެ ރިޕޯޓުން ހާމަވެފައިވާތީ، އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ޝުޖާއު މަންފާ ހޯއްދެވި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އެގޮތުން އޭރުގެ ބައެއް ވަޒީރުންނާ ގުޅިގެން ޝުޖާއު އުޅުއްވީ ވިޔަފާރިކުރަން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އެ އިޝާރާތްކުރެއްވީ މިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް ހުންނެވި އަހްމަދު މަހުލޫފާ ގުޅިގެން ޝުޖާއުގެ އޮފިޝަލް އިވެންޓްސް ކުންފުންޏަށް އެ މިނިސްޓްރީގެ ޕްރޮޖެކްޓްތައް ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ވާހަކަ އެވެ.
ކިތަންމެ ގާތް ބޭފުޅަކު ވިޔަސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ އެ މައްސަލައެއް ބައްލަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިޔަސް ޝުޖާއުމެންފަދަ ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާތަނެއް ނުފެނެ އެވެ.
ހުރިހާ އާރްޓީއައިތަކަށް ޖަވާބުވާނީ ދީފައި: މުންދު
މަޝްހޫރު ގިނަ ތަރިންތަކަކާއެކު "ނާގިން 7"ގެ ފިނާލޭ އަންނަނީ!
މާލެ އާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ
