ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސޮއިކޮށް ހުށަހަޅައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓަށް އަހަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން އެކަން ފާސްކުރަން ފުރުސަތު ނުދޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ 1/3 މެންބަރުން ހުށަހަޅުމުން ވޯޓަށް އަހަންޖެހުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ އެންމެ ބޮޑު އެއް އަސާސް ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކޮށް، ވެރިކަން ބަދަލުކުރާނެ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި، ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރަން ރައީސް މުއިއްޒު އަންގަވައިގެން މަސައްކަތް ކުރަނީ، ނާޒިމް ބައެއް މެންބަރުންނާ ގުޅިގެން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވާތީ އެވެ. އަދި މި މަސައްކަތުގައި ވެރިކަންކުރާ ޕީއެންސީގެ 23 މެންބަރަކު ނާޒިމާއެކު ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އަލިފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ، މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒު ދިފާއުކުރުމަށްޓަކައި ނަގާލެވޭނެ ފަދަ ރަހުމަތްތެރިކަމެއް ނޫން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކުރުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ގާނޫނީ ހަމަތަކުގެ މަތިން އެކަން ކުރެވޭނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ތެރޭގައި ރޫޅުންތަކެއް އުޅޭކަމަށް އިޝާރާތް ކުރައްވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި ދުވަސްތަކުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހުންނެވީ ޕީއެންސީގެ ސިޔާސީ ކަންކަމުން އެއްފަރާތް ކޮށްފަ އެވެ. އެގޮތުން ރައީސް މުއިއްޒުގެ ދައުރުގެ ފުރަތަމަ ދުވަސްކޮޅު އަބްދުއްރަހީމްއާ މައްސަލަތަކެއް ޖެހި ޕީއެންސީގެ މަސައްކަތްތަކުން އޭނާ އެއްފަރާތްކުރެވި، ޕޯޑިއަމްތަކުން ޖާގަ ނުދީ ގިނަ ދުވަސްތަކެއް ވަނީ ބަހައްޓާފަ އެވެ.

ނަމަވެސް މަޖިލިސްގެ ނައިބު ރައީސް ނާޒިމްގެ އިތުބާރުނެތް މައްސަލަ ވެއްދުމާއެކު އަނެއްކާވެސް ރައީސް މުއިއްޒު ގެންދަވަނީ އަބްދުއްރަހީމްގެ ބޭނުން ހިފައި ސިޔާސީ ވެރިންނަށް ރައްދު ދެމުންނެވެ. ނާޒިމަށްފަހު އަބްދުއްރަހީމްވެސް މަގާމުން ވަކިކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށްވެސް އަޑުތައްވަނީ އަރާފަ އެވެ.