އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އަވަސްއަރުވާލަން ނުޖެހޭ ކަމަށާއި، އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނުވަތަ ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސިޔާސަތު ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމެއް އައުމަށް އަވަސްއަރުވާނުލުމަށް އޭނާގެ މަންދޫބުންނަށް އަންގާފައިވާ ކަމަށެވެ. މިއާއެކު، ތިން މަސް ދުވަހަށް ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް އައުމާ ގާތްވެފައިވާ ކަމަށް ދެފަރާތުން ކުރިން ދައްކަމުން އައި ވާހަކަތަކުން އުފެދުނު އުންމީދުތަކަށް ވަނީ ފަނޑުކަމެއް އައިސްފަ އެވެ.
ޓްރަމްޕް އޭނާގެ "ޓްރުތު ސޯޝަލް" ގައި ލިޔުއްވާފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އީރާނުގެ އުޅަނދުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް، އެއްބަސްވުމަކަށް އައިސް، އެ އެއްބަސްވުން ތަސްދީގުކޮށް ސޮއިކުރެވެންދެން އެގޮތުގައި ދެމިއޮންނާނެއެވެ.
މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އީރާނާއެކު އޮތް ގުޅުން މިހާރު ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެ، ނަތީޖާ ފެންނަ ގޮތަކަށް ބަދަލުވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ، ދެފަރާތުންވެސް ވަގުތު ނަގައިގެން މިކަން ރަނގަޅަށް ކުރަންޖެހޭނެ ކަމަށާއި މިކަމުގައި އެއްވެސް ގޯހެއް ހެދިގެން ނުވާނެ ކަމަށެވެ.
މީގެ އެއް ދުވަސް ކުރިން ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭ ސުލްހައިގެ އެއްބަސްވުމެއްގެ ދެލިކޮޕީއަކާ މެދު ވޮޝިންޓަނާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވުމާ ގާތްވެފައިވާ ކަމަށެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގުކަން ފާހަގަކޮށްލެވެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ފެށި މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އުންމީދު ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދެވި ނަމަވެސް، އޭނާ އިޝާރާތް ކުރެއްވި އެއްބަސްވުމަކީ މިހާރު މަޝްވަރާކުރެވެމުންދާ ވަގުތީ އެއްބަސްވުމެއް ކަމެއް ނުވަތަ މާ ބޮޑެތި ގޮންޖެހުންތަކެއް ހުރި ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ކަމެއް ސާފެއް ނުވެއެވެ. ދާއިމީ އެއްބަސްވުމަކަށް އައުމަކީ މާ ގިނަ ދުވަސް ނަގާނެ ކަމެއް ކަމަށް ބެލެވެއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ބޭރުގެ ބޭންކުތަކުގައި ހުރި އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ދޫކޮށްލުމުގެ އިތުރުން، ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައާއި ހިޒްބުالله އާ ގުޅޭ ކަންކަމުގައި ދެފަރާތުގެ މެދުގައި އަދިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.
ދުނިޔޭގެ ހަކަތައިގެ ކްރައިސިސްއަށް ހައްލެއް ލިބުމުގެ އުންމީދު
ދެފަރާތުގެ މެދުގައިވާ ހަމަނުޖެހުންތަކަށް ހައްލެއް ލިބިއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތަކަށް ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި، ހަނގުރާމަ މިހާރު ނިމުނު ކަމުގައިވިޔަސް، ހޮރްމޫޒް ކަނޑުއޮޅިން އާންމު ހާލަތުގައި އުޅަނދުތައް ދަތުރުކުރާ މިންވަރަށް ދަތުރުކުރަން ފެށޭނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުގެ ހުއްދައާއެކު 33 އުޅަނދެއް ކަނޑުއޮޅި ހުރަސްކޮށްފައިވެއެވެ. މިއީ ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް ދަތުރުކުރާ 140 އުޅަނދާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނަށް ހަމަލާދިނުމުގެ މައިގަނޑު މަގްސަދަކީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަމަށެވެ. އަދި އީރާނުން އެފަދަ ހަތިޔާރެއް އުފައްދައިގެން ނުވާނެ ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ. ނަމަވެސް އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އީރާނާއެކު ވެވޭ އެއްބަސްވުމެއްގައި އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތައް ނައްތާލުމާއި، ނިއުކްލިއާ މާއްދާތައް އެ ގައުމުން ބޭރުކުރުން ހިމެނެންވާނެއެވެ. އަދި ކޮންމެ ފަދަ ނުރައްކަލަކުން ދިފާއުވުމުގެ ހައްގު އިޒްރޭލަށް އޮތް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަޝްވަރާކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އީރާނުން ބުނުން
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މި ހަފުތާގައި ހިޔާލުތަފާތުވުންތައް ކުޑަވެފައިވީ ނަމަވެސް، ޕާކިސްތާނު މެދުވެރިކޮށް އަދިވެސް ބައެއް މުހިންމު ކަންކަމުގައި މަޝްވަރާކުރަންޖެހޭ ކަމަށެވެ. އީރާނުގެ އެންމެ ބޮޑު އިސްކަމަކީ އެމެރިކާގެ ހަމަލާތަކުގެ ބިރު ނައްތާލުމާއި ލުބުނާނުގެ ހަމަނުޖެހުންތައް ހުއްޓުވުމެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ތެލުގެ އަގު ބޮޑުވެ، ޓްރަމްޕަށް އޮތް ތާއީދަށް އަސަރުކޮށްފައިވާއިރު، އޭނާ ގެންދަވަނީ އަރަބި ގައުމުތަކާއި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާވެސް މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ. އެ ގައުމުތަކުގެ ވެރިން ގެންދަވަނީ މި އެއްބަސްވުން ގާއިމުކުރުމަށް ޓްރަމްޕަށް ބާރުއަޅުއްވަމުންނެވެ.
ލޫކަސް ބަންދުން ދޫކޮށްލައިފި
ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އިތުރު މުއްދަތެއް
"ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުމުގެ ފުރުސަތެއް ނުދޭނަން"