ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ނުހަނު ހަލުވިކަމާއެކު ފެތުރޭ ނުރައްކާތެރި ގައިން ގަޔަށް އަރާ ބައްޔެކެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާ މި ދަނޑިވަޅަކީ، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި މުޅި މުޖުތަމައުގެ ސަލާމަތަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތެކެވެ.
1. ވެކްސިން ފުރިހަމަކުރުން
މިހާރު ބަލި ފެތުރެމުންދާތީ، އެންމެ ފުރަތަމަވެސް ތިމާއާއި ތިމާގެ ދަރިންގެ ވެކްސިން ކާޑު ޗެކްކުރާށެވެ.
ކުޑަކުދިން: ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ދޭ އެމް.އެމް.އާރް ވެކްސިންގެ ޑޯޒްތައް (9 މަހާއި 18 މަހުގައި ދޭ ޑޯޒް) ހަމައަށް ޖަހާފައި ވޭތޯ ޔަގީން ކުރާށެވެ. އެއްވެސް ޑޯޒެއް މަދުނަމަ ލަސް ނުކޮށް ވެކްސިން ސެންޓަރަކަށް ދައްކާށެވެ
.ބޮޑެތި މީހުން: މީގެ ކުރިން ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާނަމަ ނުވަތަ ވެކްސިން ޖެހިކަން ޔަގީންނުވާނަމަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދާއެކު ކަނޑައެޅިފައިވާ އުސޫލުން ވެކްސިން ޖަހާށެވެ.
2. މީހުން ގިނަ ތޮއްޖެހޭ ތަންތަނަށް ނުދިއުން
ބަލި ފެތުރެމުންދާ ދުވަސްވަރެއްގައި އެންމެ ރައްކާތެރި ގޮތަކީ ބޭރު ތެރެއަށް ނުކުމެ އުޅުން މަދު ކުރުމެވެ. ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ކާރޫބާރޫ ބޮޑު މާރުކޭޓުތަކަށާއި ކޮފީތަކަށާއި، ޕާކުތަކަށް ދިއުން މި ދަނޑިވަޅުގައި ހުއްޓާލަން ޖެހެ އެވެ.
3. މާސްކު އެޅުން
ހިމަބިއްސަކީ ކެއްސުމާއި ކިނބިހިއެޅުމުގެ ތެރެއިން ވައިގެ ތެރެއަށް ބޭރުވާ ޑްރޮޕްލެޓްސްއިން ފެތުރޭ ބައްޔެކެވެ. ވީމާ، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި (ހާއްސަކޮށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ދާއިރު) ރަނގަޅަށް މާސްކު އެޅުން މުހިއްމެވެ.
4. އަތްދޮވުމާއި ސާފުތާހިރުކަން ދެމެހެއްޓުން
ބޭރުން އައިސް އަދި ކާއެއްޗެހި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުމަކީ މިހާރު ކުރަންޖެހޭ ކަމެކެވެ. އެއާއެކު އަތް ނުދޮވެ ލޮލާއި ނޭފަތް ނުވަތަ އަނގައިގައި އަތްލުމުން މުޅިން ދުރުހެލި ވާށެވެ. ބޭރުގައި އުޅޭއިރު ހޭންޑް ސެނިޓައިޒާ އަބަދުވެސް އަތްފޯރާ ފަށުގައި ބަހައްޓާށެވެ.
5. ގޭތެރެއާއި އޮފީސް މާހައުލު ގަވާއިދުން ޑިސްއިންފެކްޓް ކުރުން
ގޭގެ ދޮރުގެ އަތްގަނޑު، ލިފްޓުގެ ބަޓަން، މޭޒުމަތި، ފޯނު، އަދި ކުދިން ކުޅޭ ކުޅޭ އެއްޗެހި ފަދަ ގިނައިން މީހުން އަތްލާ ތަންތަން ބްލީޗް ސޮލިއުޝަނެއް ނުވަތަ އަލްކޮހޯލް އެކުލެވޭ ސްޕްރޭ އަކުން ދުވާލަކު އެތައް ފަހަރަކު ސާފު ކުރާށެވެ.
6. ކެއްސާ ކިނބިހިއެޅުމުގެ އަދަބުތަކަށް ރައްކާތެރިވުން
މުޖުތަމައުގެ ތެރޭގައި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ކެއްސާއިރު ނުވަތަ ކިނބިހި އަޅާއިރު ޓިޝޫއަކުން އަނގަޔާއި ނޭފަތް ނިވާކުރާށެވެ. އެއާއެކު ބޭނުންކުރި ޓިޝޫ ވަގުތުން ޑަސްބިނަށް އެއްލާލައި އަތް ދޮންނަންވާނެ އެވެ. ޓިޝޫއެއް ނެތްނަމަ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރާށެވެ.
7. ގޭގެ ކުޑަދޮރުތައް ހުޅުވައި ވައި ދައުރު ކުރުން
ބަންދު ވެފައި ހުންނަ އޭސީ ކޮޓަރި ތަކުގައި މި ވައިރަސް ވައިގެ ތެރޭގައި ގިނައިރު ހުރެ އެވެ. އެހެންކަމުން ދޭތެރެ އަކުން ގޭގެ ކުޑަދޮރުތައް ހުޅުވައި ގުދުރަތީ ވައި ގޭތެރޭގައި ދައުރުވާނެ ގޮތް ހެދުމަކީ ވައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް ބޭރުވުމަށް އެހީ ވެދޭނެ ކަމެކެވެ.
8. ދިފާޢީ ނިޒާމު ވަރުގަދަ ކުރުން
ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ވިޓަމިން އޭ އަދި ސީ ހިމެނޭ މޭވާއާއި ތަރުކާރީ (މިސާލަކަށް ކެރެޓް، ބަޓާނާ އޮރެންޖް) ކެއުމުގައި ހިމަނާށެވެ. ގިނައިން ފެންބޮއެ، ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ހަމަ ކުރާށެވެ.
9. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވުން
ހުންއަ އުމާއެކު ލޮލުން ފެންއައުން، ކެއްސުން، އަދި ހަށިގަނޑުން ރަތް ބިހިތަކެއް ނަގަން ފަށައިފިނަމަ، އެހެން މީހުންނާ ބައްދަލު ނުކޮށް ވަގުތުން ގޭގައި އެކަހެރި ވާށެވެ.
10. ރަސްމީ އިދާރާތަކުގެ މަޢުލޫމާތަށް ސަމާލުވުން
މިފަދަ ދަނޑިވަޅުތަކުގައި ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު ހަބަރުތަކަށް ނުހެލޭށެވެ. ބަލީގެ ހާލަތާއި، ވެކްސިން ދޭ ސަރަހައްދުތަކުގެ މަޢުލޫމާތު ހޯދުމަށް އެޗް.ޕީ.އޭއާއި މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ޕޭޖުތަކާއި މީޑިއާތަކަށް ސަމާލުކަން ދޭށެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ މި ދަނޑިވަޅަކީ ބިރު ގަންނަންވީ ވަގުތެއް ނޫނެވެ. ނަމަވެސް، މިއީ ހޭލާ ތިބެ ސާފުތާހިރުކަން އިސްކޮށް ފަރުދީ ޒިންމާ ނަގަންވީ ވަގުތެވެ.
ޑޭވިޑްގެ ތައުރީފު ދަރިފުޅު ވަރުންއަށް ބަންޑުން ކޮށްލައިފި
ދަރަވަންދޫ އެއާޕޯޓަށް ކޮންޓްރެކްޓަރަކު ހޯދަނީ
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި