އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެކަމުގައި ޓްރަމްޕް ނިންމަވާ ނިންމެވުންތަކަށް ނުފޫޒު ފޯރުވުމުގެ ބާރު އިޒްރޭލަށް މާބޮޑަށް ނެތް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ އަރިސް ބޭފުޅުންނާ ބޭއްވި ސިއްރު ބައްދަލުވުންތަކެއްގައި ވިދާޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަތަންޔާހޫގެ ވާހަކަތަކުގެ މައުލޫމާތު އެނގޭ އިޒްރޭލުގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުން އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކަށްފަހު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގައި، އިޒްރޭލުގެ ބައިވެރިވުން މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
އެމެރިކާއާއި އީރާނުން މި މަޝްވަރާތަކުން އަވަސް ނަތީޖާއެއް ފެނިދާނެ ކަމުގެ އުންމީދު ކުޑަކަމަށް ދެކޭއިރު، އީރާނުގެ ނިއުކްލިއާ މައްސަލައާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އީރާނުން ކުރާ ޑިމާންޑްތަކުގެ އިތުރުން، ލުބުނާނުގައި ހިޒްބުالله އާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމައާ މެދު ދެފަރާތުގެ ދެމެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.
ނަތަންޔާހޫ ބޭނުންވަނީ ލުބުނާނު ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އޮތުމަށެވެ. ނަމަވެސް، ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް މުޅިން ހުއްޓާލުމަށް އީރާނުން ބާރުއަޅަމުންދާ ނަމަ، މިއީ އެއްބަސްވުމަކަށް އައުމަށް އޮތް ބޮޑު ހުރަހަކަށް ވެދާނެއެވެ.
ޓްރަމްޕް ވިދާޅުވީ "އަހަރެން ބޭނުންވާ ކޮންމެ ކަމެއް ނަތަންޔާހޫ ކުރާނެ" ކަމަށް
ނަތަންޔާހޫގެ ސިއްރު ބައްދަލުވުންތަކުގައި ބައިވެރިވި އޮފިޝަލަކު ބުނި ގޮތުގައި، މިހާރު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމާ މެދު ނަތަންޔާހޫ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާއިން ކަނޑު މަގުން އަޅާފައިވާ ބްލޮކޭޑް ނުވަތަ ބަންދުތައް އުވާލުމުން، އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލަން ޖެހެއެވެ. މީގެ ފަހުން ނިއުކްލިއާ މައްސަލަތަކާ މެދު އިތުރު މަޝްވަރާތައް ކުރިއަށްދާނެއެވެ. އެމެރިކާއާއި އީރާނުގެ މެދުގައި މި މަޝްވަރާތައް ނުސީދާކޮށް ކުރިއަށް ގެންދަނީ ޕާކިސްތާން މެދުވެރިކޮށެވެ.
އީރާނުގެ އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައިވަނީ، ޔޫއެންގެ ނިއުކްލިއާ ވޮޗްޑޮގްގެ ބެލުމުގެ ދަށުން އީރާނުގެ ޔުރޭނިއަމް ރިޒާވްގެ މައްސަލަ ހައްލުކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ފޯމިއުލާތަކެއް ހޯދިދާނެ ކަމަށެވެ.
ނަމަވެސް، މި އެއްބަސްވުމުގައި އިޒްރޭލުގެ ކަންބޮޑުވުންތަކަށް ވަގުތުން ހައްލެއް ނުލިބުނު ނަމަވެސް، ރައީސް ޓްރަމްޕަށް ނުފޫޒު ފޯރުވުމަށް މިވަގުތު އިޒްރޭލަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ނަތަންޔާހޫ ގަބޫލުކުރައްވާ ކަމަށް އޮފިޝަލް ބުންޏެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕާއި ނަތަންޔާހޫ ތިން ފަހަރު ފޯނުން ވާހަކަ ދައްކަވާފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ވައިގެ މަގުން ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުނެފައިވެއެވެ.
އަންގާރަ ދުވަހުގެ ރޭ ކުރި ފުރަތަމަ ފޯނު ކޯލަށްފަހު، ނަތަންޔާހޫ ގާތު ވިދާޅުވީ ކީކޭތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، "އޭނާއަކީ (ނަތަންޔާހޫއަކީ) ވަރަށް ރަނގަޅު މީހެއްކަމަށާއި ޓްރަމްޕް ބޭނުންވާ ކޮންމެ ކަމެއް ނަތަންޔާހޫ ކުރާނެ ކަމަށެވެ.
އޭގެ ފަހުން ހޮނިހިރު ދުވަހު ގަލްފުގެ ގައުމުތަކާއި، ތުރުކީ އަދި ޕާކިސްތާނުގެ ލީޑަރުންނާއެކު ބޭއްވި ކޯލަކަށްފަހު، ޓްރަމްޕް ވަނީ އަނެއްކާވެސް ނަތަންޔާހޫއާ ވާހަކަދައްކަވާފަ އެވެ. އެއަށްފަހު ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމާ ބެހޭ ގޮތުންނާއި އީރާނުގެ ނިއުކްލިއާ މައްސަލާގައި ކުރިއަށް އޮތް މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ.
އަދި އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ނައްތާލުމަށާއި، އެ ގައުމުގައި ހުރި ޔުރޭނިއަމްތައް ބޭރުކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
އިންތިހާބުގެ ކުރިން ނަތަންޔާހޫއަށް ބޮޑެތި ފިއްތުންތަކެއް
މި އެއްބަސްވުމުގެ ވާހަކަތައް ފެންމަތިވެފައި މިވަނީ އިޒްރޭލުގެ އިންތިހާބު ކައިރިވެފައިވަނިކޮށެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި ނަތަންޔާހޫއަށް މި އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެއެވެ. އޭނާގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ހަނގުރާމައިގައި ކަނޑައެޅި މަގުސަދުތައް ހާސިލުކުރުމަށް ނަތަންޔާހޫ ނުކުޅެދިފައިވާ ކަމަށެވެ.
ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާދޭން ފެށިއިރު، ނަތަންޔާހޫ ވިދާޅުވެފައިވަނީ އަމާޒަކީ އީރާނުގެ ސަރުކާރު ވައްޓާލުމާއި، ނިއުކްލިއާ އަދި މިސައިލް ގާބިލުކަން ނައްތާލުން ކަމަށެވެ.
ނަމަވެސް، މިހާރު އެމެރިކާއާއި އިޒްރޭލުގެގެ މަގުސަދުތައް ވަނީ ތަފާތުވެފަ އެވެ. އެމެރިކާގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ތެލާއި ގޭސް ޝިޕްމަންޓްތަކުގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ. ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މައްސަލައާއި އެހެނިހެން ނުރައްކާތައް ހުއްޓުވުމަށް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!
ރައީސްގެ ހުށަހެޅުއްވުމަކަށް ސެނެޓުން ނޫނެކޭ ބުނެފި
"ދިރާގު އީދު ބޮނޑިބަތް" – އީދު ނަމާދަށް ފަހު