ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒް ކަމަށްވާ 'ޑޮން 3' އިން އެކްޓަރު ރަންވީރު ސިންގް ކުއްލިއަކަށް ވަކިވި ހަބަރާއެކު މުޅި ބޮލީވުޑަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ.

ފަރުހާން އަހްތަރު ޑައިރެކްޓްކުރާ މި ފިލްމުން ރަންވީރު ވަކިވީ ކޮންސެޕްޓްގެ ހިޔާލު ތަފާތުވުން ތަކެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނާއިރު މިއީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިއަކު ބޮޑު މަޝްރޫއަކުން މިގޮތަށް ވަކިވި ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން މީގެ ކުރިން ވެސް މާލީ މައްސަލަތަކުން ފެށިގެން، ޕްރޮފެޝަނަލް އަދި އަމިއްލަ ސަބަބުތަކާ ހުރެ މަޝްހޫރު ތަރިންތަކެއް ބޮޑެތި ފިލްމުތަކުން ވަކިވި އެވެ.

ސަލްމާން ޚާން - އިންޝާ ﷲ

ސަލްމާން ޚާން އަށް ބަލާއިރު އޭނާ ވަނީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" އެއްކޮށް ހުއްޓާލަން ޖެހިފަ އެވެ. މިކަން މިގޮތަށް ދިމާވީ ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ސަލްމާނާއި ޑައިރެކްޓަރާ ދެމެދު އުފެދުނު ބޮޑު ހިޔާލު ތަފާތުވުން ތަކަކާ ގުޅިގެންނެވެ.

ކާތިކް އާރްޔަން - ދޯސްތާނާ 2

ޒުވާން އެކްޓަރު ކާތިކް އާރްޔަން އަށް ދިމާވީ މިއަށްވުރެ ބޮޑު މައްސަލައެކެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2"ގެ ޝޫޓިންގްގައި ކާތިކް 20 ދުވަހު އަމަލީ ގޮތުން ބައިވެރިވެފައި ވަނިކޮށް، އޭނާ ވަނީ ޕްރޮޑަކްޝަން ހައުސްއާއެކު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ފިލްމުން ވަކިކޮށްފަ އެވެ.

ޕްރިޔަންކާ ޗޯޕްރާ - ބާރަތު

ޕްރިޔަންކާ ޗޯޕްރާ ސަލްމާން ހާންގެ ފިލްމު "ބާރަތު" ދޫކޮށްލީ އަމިއްލަ ދިރިއުޅުމުގެ މުހިންމު ނިންމުމަކާ ހެދި އެވެ. އެއީ އޭނާގެ ފިރިމީހާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ވަގުތު ހޯދުމަށާއި، ހޮލީވުޑްގެ އެހެން ބޮޑު މަޝްރޫއަކަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އައިޝްވާރްޔާ ރާއީ - ޗަލްތޭ ޗަލްތޭ

އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ހާދިސާއަކީ އައިޝްވަރްޔާ ރާއީ ފިލްމު "ޗަލްތޭ ޗަލްތޭ"އިން ވަކިކުރަން ޖެހުމެވެ. އެއީ އޭރު އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ހުރި ސަލްމާން ހާން ފިލްމުގެ ސެޓަށް ގޮސް ބޮޑެތި ހަމަނުޖެހުން ތަކެއް ހިންގުމާ ގުޅިގެން، ފިލްމުގެ މަސައްކަތަށް ބުރޫ އެރުމުން އައިޝްވަރްޔާގެ ބަދަލުގައި ރާނީ މުކަރްޖީ ނަގަން ޕްރޮޑިއުސަރުން ނިންމި އެވެ.

ކަރީނާ ކަޕޫރު - ކަހޯނާ ޕްޔާރުހޭ

ރިތިކް ރޯޝަންގެ ފުރަތަމަ ފިލްމު "ކަހޯނާ ޕްޔާރް ހޭ"ގެ ބައެއް މަންޒަރުތައް ކަރީނާ ޝޫޓް ވެސް ކުރި އެވެ. ނަމަވެސް ކަރީނާގެ މަންމަ ބަބީތާއާއި ފިލްމުގެ ޑައިރެކްޓަރާ ދެމެދު އުފެދުނު މައްސަލަ ތަކެއްގެ ސަބަބުން ކަރީނާ ފިލްމުން ވަކިވެ، އޭނާގެ ބަދަލުގައި އަމީޝާ ޕަޓޭލްއަށް އެ ރޯލު ލިބުނެވެ.

ބޮލީވުޑްގައި މިފަދަ ބޮޑެތި ބަދަލުތަކަކީ އާއްމު ކަމެކެވެ. އެއްބަޔަކު ދޫކޮށްލާ ފިލްމު ތަކަކީ އަނެއް ބަޔެއްގެ ކެރިއަރު ބަދަލު ކޮށްލާ ސުޕަހިޓް ފިލްމުތަކަށް ވެގެންދާ ފަހަރުވެސް މަދެއް ނޫނެވެ.