ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ އެބޯލާ ބައްޔާ ގުޅިގެން، އިންޑިއާއަށް ދަތުރުކުރާ ދިވެހިން ހިމެނޭހެން ހުރިހާ ފަރާތްތަކުން "ސެލްފް ޑެކްލަރޭޝަން ފޯމު" (އެސްޑީއެފް) ހުށަހަޅަންޖެހޭ ގޮތަށް އިންޑިއާގެ ސިވިލް އޭވިއޭޝަން އިދާރާއިން ނިންމައިފި އެވެ.
އިންޑިއާގެ ޑައިރެކްޓަރު ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ގެނައި މި ބަދަލާއެކު، ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަނީ އިންޑިއާއަށް ފުރާ ދިވެހިން މި ފޯމު ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ. އިންޑިއާއިން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމީ، އެބޯލާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި، ދަތުރުވެރިން އިންޑިއާއަށް ދިއުމުގެ ކުރިން މި ފޯމު ފުރިހަމަކުރަންޖެހޭނެއެވެ. އަދި އެ ގައުމަށް އެތެރެވުމަށްފަހު، އެއާޕޯޓުގައި ހުންނަ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށް އެ ފޯމު ހުށަހަޅަންޖެހެ އެވެ. މި ފޯމު ފުރުމަށް ބޭނުންވާ ކިއުއާރް ކޯޑު މިހާރު ވަނީ އެ އެއާލައިނުން އާންމުކޮށްފަ އެވެ.
މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަނެ، އެއާޕޯޓުތަކުގެ ސަވައިލަންސް ނިޒާމު ވަރުގަދަކުރުމެވެ. މީގެ އިތުރުން، އެބޯލާ ފެތުރޭ ބައެއް ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ. ދާދި ފަހުން ބެންގަލޫރުން އެބޯލާއަށް ޝައްކުކުރެވޭ މީހަކު ފެނިގެން ކަރަންޓީނުކުރި ނަމަވެސް، އޭނާ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް އިންޑިއާގެ ސިއްހީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފި
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!
މި މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ