ދެ ދަތް ދޭތެރޭ ކާ އެތިކޮޅެއް ހަރުލައިފި ނަމަ އެ ނައްޓާލަން ދަނޑިކޮޅުން ނުވަތަ "ޓޫތް ޕިކް" ބޭނުންކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައެއް. އެކަން އެހެން ކުރެވެނީ އެއީ ވަރަށް ފަސޭހަ އަދި ލުއިގޮތެއް ވީމަ. ނަމަވެސް ދަނޑިކޮޅުން ދަތް ކޮށްޓާ ނަމަ ހިރުގަނޑަށް ގެއްލުން ލިބޭ. ހިރު ދުޅަވޭ. ހިރު ގިރުމަށް މަގުފަހިވޭ އަދި ދަތް ފަނި ކާން ވެސް މެދުވެރިވޭ. މީގެ އިތުރުން ހިރުގަނޑު ތެރެއަށް ޖަރާސީމު ވައްދާލެވޭ ވަސީލަތަކަށް ވެސް ޓޫތު ޕިކްވޭ. ޑެންޓަލް ފްލޮސްއަކީ ދަނޑިކޮޅުގެ ބަދަލުގައި ބޭނުން ކުރަން މާ ރައްކާތެރި ވަސީލަތެއް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވޭ.

ކައި ނިމިގެން ދަތުގައި ކާ އެތިކޮޅެއް ހަރުލިނަމަ، "ޓޫތް ޕިކް" ނުވަތަ އެނޫން ވެސް ތޫނު އެއްޗަކާ ދިމާލަށް ދެވުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. އެއީ އެންމެ ފަސޭހައިން ދަތުގައި ހަރުލާފައި ކާއެތިކޮޅު ނައްޓާލައި، ނުތަނަވަސްކަން ފިލުވައިލެވިދާނެ އަވަސް ގޮތެކެވެ.

ދަތް ކޮއްޓަން ހާއްސަކޮށް ހަދާފައި ހުންނަ ދަނޑިކޮޅު ބޭނުން ކުރެވޭތާ އެތައް އަހަރުތަކެއް ވެފައިވެ އެވެ. އެހެން ނަމަވެސް އެ ދަނޑިކޮޅު ހަދާފައި ވަނީ ދަތުގެ ސިއްހަތަށް ވިސްނާފައި ނޫންކަން މިތާގައި ފާހަގަ ކޮށްލަމެވެ.

މިކަމަކީ ކުރުން ރަނގަޅު ކަމެއްތޯ ބަލާ ނުލެވި ގިނަ ބަޔަކަށް އާދަ ހިފިފައިވާ ކަމެކެވެ. މާބޮޑު ކަމެއް ނޫން ހެން ހީވި ނަމަވެސް ދަތް ކޮއްޓުމަކީ ހިރުގަނޑަށް ގެއްލުން ލިބޭ ކަމެއް ކަމަށް ދަތާ ބެހޭ މާހިރުން ވިދާޅުވެ އެވެ. ދަނޑިކޮޅު ބޭނުން ކުރުމުން ހިރުގަނޑާއި ދަތަށް ކުރާ އަސަރު ދެނެގަނެވިފައި ވުމަކީ މިއާދަ ހުއްޓާލަން ފަސޭހަ ވެގެންދާނެ ކަމެކެވެ.

ޓޫތްޕިކަށް ބަރޯސާ ވެވެނީ ކީއްވެ؟

ދަތް ދޭތެރޭ ކާ އެތިކޮޅެއް ހަރުލައި، ނުނެއްޓިފައިވުމަކީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. އެ އެތިކޮޅު ނައްޓާލުމަށް ބޭނުން ކުރެވޭ ޓޫތުޕިކުން ވަގުތީ ގޮތުން ލުއިކަމެއް ލިބިދެ އެވެ. އަދި އެއީ އެންމެ ހަރަ ދުކުޑަ، ފަސޭހަ ވެސް ގޮތެވެ. ބައެއް ފަހަރު ބޭނުން ކޮށްލުމަކީ މައްސަލައެއް ނޫނެވެ. މަސަލައަކަށް ވަނީ ގަވައިދުން އަދި މާބާރަށް އެ ބޭނުން ކުރީމަ އެވެ.

ޓޫތުޕިކް ގިނައިން ބޭނުން ކުރުމުން އެންމެ އަވަހަށް ފާހަގަ ކުރެވޭނެ އެއްކަމަކީ ހިރު ގިރުމެވެ. ހިރު ގިރުމަކީ ދަތާ ހިރުގަނޑާ ދޭތެރެ ފޭވުމެވެ. އަބަދު އެއް ދިމާލަކަށް ދަނޑިކޮޅު ލައިގެން ދަތްކޮއްޓޭ ނަމަ، ހިރުގަނޑަށް ގެއްލުން ލިބެ އެވެ. މިކަން އާދަކޮށް ކުރާނަމަ، ދަތުގެ ބުޑު ފެންނަން ފަށަ އެވެ. އޭގެ ސަބަބުން ފިނި އަދި ހޫނު ބުއިން ބޭނުންކުރުމުން ދަތަށް އުނދަގޫ ވާން ފަށަ އެވެ. އަދި ފަނި ކެއުން އަވަސްވެ އެވެ. ހިރު ގިރުމަކީ އަމިއްލަ ޒާތުގައި ރަނގަޅުވާ ކަމެއް ނޫނެވެ. ވީމާ ހިރުގަނޑު ގިރުނަ ނުދީ އެޅެން ހުރި ފިޔަވަޅު އެޅުމަކީ އެންމެ ރައްކާތެރި ގޮތެވެ.

އަނގާގައި ގިނަ އަދަދަކަށް ޖަރާސީމު ހިމެނެ އެވެ. ހިރުގަނޑު ހަލާކުވެފައިވާ ނަމަ، ދަތުގެ ތެރެއަށް ޖަރާސީމު ވަދެ ދަތް ހަލާކުވުމަށް މަގުފަހިވެ އެވެ. ޓޫތުޕިކް ހެރުމުން ސަބަބުން ޖަރާސީމު އިތުރަށް އެތެރެއަށް ކޮއްޕާލެވެ އެވެ. ހާއްސަކޮށް އެ ޓޫތުޕިކް ދަނޑިކޮޅަކީ ސާފުނޫން އެއްޗެއް ކަމަށްވާ ނަމަ އެވެ. އޭގެ ސަބަބުން ހިރު ދުޅަވުމާއި، ތަދުވުން އަދި އިންފެކްޝަނެއް އުފެދުން ހިމެނެ އެވެ. މިކަން އަޅާނުލެވި ދިގުލައިދާ ނަމަ ހިރުގަނޑުގެ ތަފާތު ބަލިތައް ޖެހެން ފަށަ އެވެ.

ޓޫތުޕިކް ދަނޑިކޮޅުން ދަތުގައި ހަރުލާފައި ހުންނަ ކާތަކެތި ނެއްޓޭހެން ހީވި ނަމަވެސް، ބައެއް ފަހަރު ކާތަކެތި އިތުރަށް ހިރުގަނޑުގެ ތެރެއަށް ބޮޑަށް ކޮއްޕާ ވެސް ލެވެ އެވެ. މީގެ ސަބަބުން ސާފުކުރަން އުނދަގޫވުމާއި އެތެރޭގައިވާ ޖަރާސީމު އެތެރޭގައި ތާށިވާން މެދުވެރިވެ އެވެ.

ޑެންޓަލް ފްލޮސް

ޓޫތުޕިކް ދަނޑިކޮޅުގެ ބަދަލުގައި ބޭނުން ކުރެވިދާނެ ރަނގަޅު އެއްޗެހި ހުރެ އެވެ. އެ ތަކެތީގެ އެހީގައި ހިރުގަނޑަށް ގެއްލުން ނުދީ، ދަތުގައި ތާށިވެފައިވާ ކާއެއްޗެހި ނައްޓާ ލެވެ އެވެ. އެގޮތުން ޑެންޓަލް ފްލޮސް ރޮދިކޮޅަކީ ހިރުގަނޑަށް ގެއްލުން ނުދީ ދެ ދަތް ދޭތެރޭ ތާށިވެފައިވާ ކާއެއްޗެހި ނައްޓާލުމަށް އެންމެ ރަނގަޅު ވަސީލަތެވެ. އޭގެ އިތުރުން "އިންޓާ ޑެންޓަލް ބުރުސް އަދި ވޯޓާ ފްލޮސް ވެސް ބޭނުން ކުރެވިދާނެ އެވެ.

ދަތައް ފަރުވާތެރި ވެވިއްޖެ ނަމަ، ހިރުގަނޑު ހަލާކުވުމާއި ދަތް ފަނިކެއުމުން ސަލާމަތް ވެވިދާނެ އެވެ. ދަތައް ދިމާވާ މައްސަލަތަކުގައި އަމިއްލައަށް އެއްޗެހި ބޭނުން ކުރުމުގެ ބަދަލުގައި ޑެންޓިސްޓެއްގެ އިރުޝާދުގެ ދަށުން ކަންކަން ކުރުން ބުއްދިވެރި އެވެ.