ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު ވެއްޓިފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޒަމާނަށް ވުރެ ވެސް ފަހަތަށް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ކޯޓުތަކުގެ ފެންވަރާ މެދު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ސިލްސިލާ ޓައުންހޯލް ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އަދުލުއިންސާފުގެ ބާރުތަކަށް ފާޑުވިދާޅުވުމުގައި ހުރިހާ މަރުހަލާއެއްގެ ކޯޓުތައް ހިމަނުއްވާފަ އެވެ. އެގޮތުން ހައިކޯޓާއި، ޖިނާއީ ކޯޓުތަކުގެ އިތުރުން ސުޕްރީމް ކޯޓުން ވެސް މިހާރު ފެންވަރު ހުރި ފަނޑިޔާރުން ފެންނާން ނެތް ކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވި އެވެ.
ޝަރުއީ ދާއިރާއަށް އަތްބާނަމުންދާ ކަމަށް ތުހުމަތުކުރައްވަމުން ޔާމީން ވަނީ، ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއް ސުއޫދާއި، މަހާޒު ޢަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރާލްދާ ޒާހިރު މިދިޔަ އަހަރު ކުއްލި ގޮތަކަށް ސަސްޕެންޑުކުރި ހާދިސާއަށް އަލިއަޅުވާލައްވާފަ އެވެ. އަދި އޭގެ ފަހުން ސުޢޫދު މަގާމުން އިސްތިއުފާދެއްވަން މަޖުބޫރުވުމާއި، މަހާޒާއި އަޒްމިރާލްދާ ވަކިކުރި ކުރުމަކީ ރޭވުމެއްގެ ދަށުން ހިންގި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
"އެ ތަންތަނުގައި ތިބި ގާބިލު މީހުން އެކި ބަހަނާ ދައްކާފައި ބޭރުކުރަނީ ނޫންތޯ. ފައްޓަރުބައި [ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް، ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އެރުވުން] އަޅުވާފައި ދިޔައީ. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ހުށަހެޅި ހިސާބުން އެކަން ޕާކުކޮށްފައި، ވަކި ބައެއްގެ ނަން ބޭނުންކޮށްގެން، މިވެނި ބަޔަކު މިތަން ޚަރާބުކުރަން އުޅެނީއޭ ކިޔާފައި ހުރިހާ އެންމެން ބޭރުކޮށްލީނޫންތޯ؟" ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވި އެވެ.
ކޯޓުތަކުގެ ހިންގުންތެރިކަމާއި ފަނޑިޔާރުންގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފައްދަވަމުން ޔާމީން ވަނީ، މުހިއްމު މައްސަލަތައް ނިންމުމަށް ވަކި ސުންގަޑިތަކެއް ކަނޑައެޅިފައި އޮތުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ. އޭގެ މިސާލެއްގެ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު 'ގެގް އޯޑަރަށް' އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެފަދަ މައްސަލަތައް އެންމެ ގިނަވެގެން ވެސް 72 ގަޑިއިރުގެ ތެރޭގައި ބަލައި ނިންމަން ޖެހޭނެ ކަމަށެވެ.
"މުޅި ރައްޔިތުންގެ އަނގަމަތީގައި މަލަން އަޅުވައިގެން މިގޮތަކަށް ނުގެންގުޅެވޭނެ. އެކަން އެންމެ މަތީ ކޯޓުން ދަމަހައްޓާތީ އަޅުގަނޑުމެން ތަބާވާނަން، އެކަމަކު އެއަށްވެސް ނިމުމެއް އަންނަން އެބަޖެހޭ ދެއްތޯ. މިހާރު 'އިންޑިއާ އައުޓް' ޝިއާރުގެ މައްސަލަ ވެސް އޮތީ އެގޮތަށް ޕާކުކޮށްފައި. އެއަށްވެސް ގޮތެއް ނިންމަން އެބަޖެހޭ ނޫންތޯ؟" ޔާމީން ވިދާޅުވި އެވެ.
ޖިނާއީ މައްސަލަތަކުގެ އިތުރުން ކޯޓުތަކުގައި އަހަރުތަކެއް ވަންދެން ހުއްޓިފައި ހުންނަ މާލީ ބޮޑެތި މައްސަލަތަކަށް ވެސް އަވަސް ހުކުމްތަކެއް އަންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓުގައި މައްސަލައެއް އޮތުމުން، ވަކި ގޮތެއް ނުނިމި މީހުން ރާއްޖޭން ބޭރަށް ނުފުރިފައި ތިބެން ޖެހޭ ސަބަބާ މެދު ވެސް ޔާމީން ވަނީ ސުވާލު އުފައްދަވާފަ އެވެ.
ގައުމުގެ ހާލަތު ބަޔާންކޮށްދެއްވަމުން ޔާމީން ވިދާޅުވީ، ރާއްޖެ މިހާރު ތަހުޒީބުވުމުގެ ބަދަލުގައި ދަނީ 20 ފިޔަވަޅު ފަހަތަށް ކަމަށެވެ.
"މިހާރު މި އޮތީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅަށްވުރެ ވެސް ފަހަތަށް ގޮސްފައި. މިއީ ވަރަށް ހިތްދަތި ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ވާހަކަތަކަކީ ރައީސް މުހައްމަދު މުޢިއްޒާ ޒާތީ ގޮތުން ދިމާކުރެއްވުމަށް ދައްކަވާ ވާހަކަތަކެއް ނޫންކަން ހާމަކުރައްވަމުން ޔާމީން ވިދާޅުވީ، ކޮންމެ ދިމާލަކަށް ބެލިކަމުގައި ވިޔަސް ގައުމު އޮތީ ނިކަމެތި ހާލަތެއްގައި ކަމަށެވެ.
ބުރަކަށީގެ ތަދުތަކާއި ކަށި ފީވުން: ދުންފަތުގެ އިތުރު ނުރައްކަލެއް
މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް
އާދަކޮށް ރޭގަނޑު ލަހުން ކާނަމަ ހަށިގަނޑަށް ގިނަ ބަދަލުތަކެއް!