ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލާ އަދި ފަރުވާ ދިނުމަށް ކުރެވޭ ސާޖަރީތައް ކުރަން ފަށައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅިގެން އަލަށް ތައާރަފުކުރި މި ސާޖަރީއަކީ، ކުދި ހުޅުތަކަށް ދިމާވާ މައްސަލަތައް ހޯދައި ފަރުވާދިނުމަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ކުރިއަށްގެންދާ ޒަމާނީ އޮޕަރޭޝަންތަކެކެވެ. މީގެ ކުރިން ހަދަމުން އައި އާތްރޮސްކޯޕިކް ސާޖަރީތަކާ ޚިލާފަށް، މިއީ ހަށިގަނޑުން ވަރަށް ކުޑަކުޑަ ތަންކޮޅެއް ފަޅާލައިގެން (ލޯވަޅެއް ހަދައިގެން) ނިންމާލެވޭ ފަރުވާއެކެވެ.
މި ސާޖަރީގައި ބޭނުންކުރާ ކެމެރާއަކީ އިންޖެކްޝަން ޖަހާ ކައްޓެއްހާ ހަނި، އަދި ބޭނުން ދިމާލަކަށް ފަސޭހައިން ލަނބާލެވޭ އެއްޗެކެވެ. މި އާ ވަސީލަތުގެ ސަބަބުން ޑޮކްޓަރުންނަށް ހުޅުތަކުގެ އެތެރެ މާ ސާފުކޮށް ފެންނަން ހުންނާތީ، ބަލި ދެނެގަތުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓުގެ ޑޮކްޓަރު، ޑރ. އިސްމާޢިލް ޒާހިރު ވިދާޅުވީ މިއީ ކުދި ހުޅުތަކުގެ ބަލިތަކަށް ފަރުވާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ނެނޯ ނީޑަލް ކެމެރާއަކީ ހަނި ދޭތެރެތަކަށް ވެސް ލަނބާލައިގެން ވައްދާލެވޭ އެއްޗެއް. މީގެ އެހީގައި ހުޅުތެރެއަށް ލިބިފައިވާ ގެއްލުންތައް، މިސާލަކަށް އިތުރުވެފައިވާ ކަށިކޮޅެއް ހުރިތޯއާއި، ކާޓިލޭޖް (އޮމާން ފަށަލަ) ހަލާކުވެފައިވާ މިންވަރާއި، އަދި ވަށައިގެންވާ ލިގަމެންޓްތަކުގެ ހާލަތު ވަރަށް ރަނގަޅަށް ބަލާލެވޭ. ކެމެރާ ބޭނުންކޮށްގެން މިގޮތަށް ބަލާލުމުން، އެމްއާރްއައި އެއް ނަހަދައިވެސް ބަލި ދެނެގަނެވޭނެ. މިއީ ކުދި ހުޅުތަކުގެ ފަރުވާގައި ހޯދުނު ބޮޑު ކުރިއެރުމެއް،" ޑރ. އިސްމާޢިލް ވިދާޅުވި އެވެ.
މި ޓެކްނޮލޮޖީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ބަލިމީހުންނަށެވެ. ސާޖަރީއަށްފަހު ހަށިގަނޑު އެއްކޮށް ރަނގަޅުވުމަށް ނަގާ މުއްދަތު ކުރިއަށްވުރެ މާ ކުރުވެގެންދާނެ އެވެ. ހާއްސަކޮށް ސިއްހީ ގޮތުން ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާއި ހާލު ބޮޑު ބަލިމީހުންނަށް ފަރުވާ ދިނުމުގައި ކުރިން ދިމާވި ހުރަސްތަކަށް މީގެއިން ހައްލު ލިބޭނެ އެވެ.
މީގެއިތުރުން، އޮޕަރޭޝަނަށްފަހު ބަލިމީހާއަށް ވާ ތަދާއި ރިހުންތައް ކުޑަވުމުން، ފިޒިއޮތެރަޕީ ނުވަތަ ރީހެބިލިޓޭޝަންގެ މަރުހަލާ މާ އަވަހަށް ފެށުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދުންފަތުގެ ޑިއުޓީއާ ގުޅިގެން ޔޫޓާނެއް ނުނަގަން: ރައީސް
"ފްރީޑަމް 250"އިން ފަންނާނުން ވަކިވާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ
މެލޭޝިއާގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކޮށްފި