މި ސަރުކާރުން ބޮޑުކުރި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އަލުން ކުޑަކުރަން ވިސްނަމުންދާކަން އިއްޔެ ހާމަކުރުމަށްފަހު، މިއަދު އެކަމާ ގުޅިގެން ޔޫޓާނެއް ނުނަންގަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުންފަތުގެ ބާވަތްތަކުން މިހާރު ނަގާ ޑިއުޓީގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ތިން ރުފިޔާ ޑިއުޓީގެ ގޮތުގައި ނަގަމުން ދަނިކޮށް 2024 ވަނަ އަހަރު އަށް ރުފިޔާއަށް ޑިއުޓީ ބޮޑުކުރީ ވެސް ހަމަ މި ސަރުކާރުންނެވެ.
އެކަމާ ގުޅިގެން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވައި ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ރަސްމީ ލިޔެކިޔުންތައް ލިބިފައި ހުރި ކަމަށެވެ. ނަމަވެސް އަދި ވަކި ގޮތެއް ނިންމައިގެން ތަންފީޒު ކުރާ ހިސާބަށް ދިޔައީއެއް ނޫން ކަމަށް ވިދާޅުވެ ޔޫޓާނެއް ނުނަންގަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތާ ދުރު މުޖުމަތައެއް ބިނާކުުރުމުގެ މައިގަނޑު ސިޔާސަތާއި އެކަމުގެ ސީދާ މަގުސަދު ހާސިލު ނުވާ ކަމަށެވެ. އެހެންކަމުން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށާއި އެއީ ހަމަ ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު ނޮވެންބަރު 2024 އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފަ އެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް މިފަހުން ވަނީ އިތުރުވެފަ އެވެ.
ލޯންޗެއް އެކްސިޑެންޓުވެ، 2 މީހަކަށް ފަރުވާ ދެނީ
ނަތަންޔާހޫގެ އަމުރަށް އިޒްރޭލު ސިފައިން ލުބުނާނަށް ވަދެގަނެއްޖެ
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނަށް ހަމަލާދޭން ތައްޔާރު