އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، މިއަދު ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި އެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، ސުލްހައިގެ އެއްބަސްވުމުގައި އިޒްރޭލުން ލުބުނާނަށް ދެމުންދާ ވަރުގަދަ އުދުވާނީ ހަމަލާތައް ހުއްޓާލުން ހިމަނަންޖެހޭނެ ކަމަށެވެ.

އެމެރިކާ އަސްކަރިއްޔާއިން ބުނިގޮތުގައި، އީރާނުގެ ރާޑަރުތަކަށާއި ޑްރޯން ކޮންޓްރޯލް ކުރާ މަރުކަޒުތަކަށް އެމެރިކާއިން ވަނީ ހަމަލާތަކެއް ދީފަ އެވެ. މިއީ އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް ވައްޓާލުމާ ގުޅިގެން ދިން ރައްދު ހަމަލާއެއްކަމަށް އެގައުމުން ބުނެ އެވެ.

މިއަދު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ އެމެރިކާ ސިފައިން ހަމަލާ ދިނުމަށް ބޭނުންކުރި އެއާބޭސްއަކަށް ހަމަލާދީފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއްގައި ހުރި ބޭސްއެއް ކަމެއް އީރާނުން ހާމަނުކުރި ނަމަވެސް، ކުވޭތުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން ބައެއް މިސައިލްތަކާއި ޑްރޯންތައް ހުއްޓުވާފައިވާ ކަމަށެވެ.

ނުރައްކާތެރި އިންޒާރުތަކާއި ވައިގެ ހަމަލާތަކާއެކު ހަފުތާތަކެއް ވަންދެން ނުސީދާކޮށް ކުރިއަށްދިޔަ މަޝްވަރާތަކުން، މިހާތަނަށް ހަނގުރާމަ ހުއްޓާލުމަކަށް ނުވަތަ ތެލާއި ގޭސް އުފުލާ މައިގަނޑު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ދެފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރެވުނު މި ދަނޑިވަޅަކީ އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަށް ފުޅާކުރި ވަގުތެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ލުބުނާނުގެ އެތެރެއަށް އިތުރަށް ވަދެގަންނާނެ ކަމަށް ބުނެ އިންޒާރުދީ، ބައިރޫތުގެ ދެކުނު ސަރަހައްދުތަކަށް ހަމަލާދިނުމަށް އެގައުމުގެ އަސްކަރިއްޔާއަށް އަމުރުކޮށްފަ އެވެ.

ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ އުދުވާނަށް އެމެރިކާއިން ވާގިވެރިވަމުންދާއިރު، އަނެއްކޮޅުން އެމެރިކާ ދަނީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލުމާއި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމުގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކޮންޓްރޯލް ކުރުމެވެ.

ނަމަވެސް، އީރާނުން ހޯމަ ދުވަހު ބުނެފައިވަނީ ނިއުކްލިއާ މައްސަލާގައި އެއްވެސް މަޝްވަރާއެއް އަލުން ފަށާފައިނުވާނެ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭނީ އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުން ކަމަށް އީރާނުން ބުނެ އެވެ.

އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލީބާފް އެކްސް ގައި ވިދާޅުވީ، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން އުޅުމާއި ލުބުނާނުގައި ހިންގަމުންދާ އުދުވާންތަކަކީ، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވާކަމުގެ ސާފު ހެއްކެއް ކަމަށެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ނިއުކްލިއާ މައްސަލަތަކުގައި ފިޔަވަޅު އަޅަންވީ ވަގުތު އެގައުމަށް އެނގޭ ކަމަށެވެ. އަދި މިވަގުތުގެ އެންމެ އިސްކަމަކީ ހަނގުރާމަ ހުއްޓާލުން ކަމަށާއި، ނިއުކްލިއާ ފައިލުގެ ތަފްސީލީ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަގާއީ އިތުރަށް ވިދާޅުވީ، ލުބުނާނުގައި ހަމަލާ ހުއްޓާލުމަކީ ކޮންމެ އެއްބަސްވުމަކަށްވެސް އޮތް ކޮންމެހެން ފުރިހަމަވާންޖެހޭ ޝަރުތެއް ކަމަށެވެ. އަދި އެމެރިކާއިންވެސް ދަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މައްސަލަ ޖެހިފައިވާ ނުކުތާތައް

ފާއިތުވި ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކާއެކު މެދުއިރުމަތި ހަނގުރާމައެއްގެ ތެރެއަށް ވެއްޓުނުއިރު، އީރާނުން ދިޔައީ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ. އީރާނުން ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ މަސައްކަތަކީ މަދަނީ ބޭނުންތަކަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިހާރު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމުގައި އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އީރާނުން ބުނަނީ އެމެރިކާއިން ހިފަހައްޓާފައިވާ 12 ބިލިއަން ޑޮލަރު ދޫކޮށްލުމުން ނޫނީ ނިއުކްލިއާ މައްސަލާގައި ސީދާ މަޝްވަރާއަކަށް ނުދާނެ ކަމަށެވެ.

ލުބުނާނުގެ މަސްރަހު

އިޒްރޭލާއި ހިޒްބުالله އާ ދެމެދު އެޕްރީލް 17 ގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އެއަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. އިޒްރޭލު ސިފައިން މިހާރު ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެއްގަމު މަގުން ވަދެގަނެ، 1980 އާއި 1990 ގެ އަހަރުތަކުގައި އިޒްރޭލުން އެ ގައުމު އަޅުވެތިކޮށްގެން އުޅުނުއިރު ބޭނުންކުރި މަރުކަޒެއް ކަމަށްވާ ބޯފޯޓް ކާސަލްގައި އެ ގައުމުގެ ދިދަ ޖަހާފަ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މި ކާސަލް އަލުން ހިފުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށް ހިޒްބުالله އާ ދެކޮޅަށް ކުރާ ހަނގުރާމަ ލުބުނާނުގެ އެތެރެއަށް އިތުރަށް ފުޅާކުރާނެ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އިތުރަށް ފުޅާވަމުންދާތީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.