ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުވެ ވެންޓިލޭޓަރުން ނަގާފައިވާއިރު، ހަމަލާއަށް ފަހު އެމަނިކުފާނު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި އެވެ.

އެ މަނިކުފާނު ކޮއްކޯފުޅު ނަޝީދާ އަބްދު ސައްތާރު (ނަޝް) ވިދާޅުވީ އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅުވެ، ލައިފް ސަޕޯޓް ވެންޓިލޭޓަރުން ވެސް ނަގާފައިވާ ކަމަށެވެ. އަދި މިހާރު އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅާ ވެސް ވާހަކަފުޅު ދެއްކެވޭ ގޮތް ހަމަޖެހިފައިވާ ކަމަށް ނަޝީދާ ވިދާޅުވި އެވެ.

"ހަމަ ދެންމެ މަންމައާއި ބައްޕައާ ވާހަކަ ދައްކައިފި، ބުނީ މަ ރަނގަޅޭ،" ނަޝީދާ ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ބުރަސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ނަޝީދު ގެންދިޔައީ އެޑީކޭ ހޮސްޕިޓަލަށެވެ. އޭޑީކޭއިން ވަނީ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކޮށްފަ އެވެ.