ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް އެއްވެސް ހައްދެއް ނެތް މިންވަރަށް ވަންނަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށް ފަހު، އަގުތައް އަލުން ކުޑަކުރުމަށް މަޝްވަރާކުރަމުން ދާކަން ހާމަވުމާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިޖުތިމާއީ ސިޔާސަތުތަކަށް މިވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމަލުތަކުން ފެންނަނީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމުގެ ބަދަލުގައި، އެކި ކަންކަން މަނާކޮށްގެން "ހެޑްލައިން" ހެދުމަށް އިސްކަންދޭ އުސޫލެކެވެ. އެގޮތުން ސިނގިރޭޓުގެ އަގު އަތްނުފޯރާ ފަށަށް ބޮޑުކޮށް، ވޭޕް މަނާކުރުމުން އެތަކެތި މިހާރު ވަނީ ކަޅު ބާޒާރުގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޝީޝާ މަނާކުރުމާއި، ސްމާޓް ފޯން ބޭނުންކުރުން މަދުކުރުމަށް ވަކާލާތު ކުރުމަކީ ރައްޔިތުންގެ އަމިއްލަ މިނިވަންކަމާއި ޒާތީ ދިރިއުޅުމުގެ ތެރެއަށް ހައްދެއް ނެތް މިންވަރަށް ވަނުން ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ. އަދި ފުރަތަމަ ހަރުކަށި ފިޔަވަޅުތައް އެޅުމަށްފަހު، ފަހުން ލުއިދޭ ކަމަށް ދެއްކުމަށް ސިޔާސަތުތައް ބަދަލުކުރުމަކީ މި ސަރުކާރުގެ އާންމު އުސޫލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސިނގިރޭޓު ޑިއުޓީ އަލުން ކުޑަކުރަން އުޅެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ އިދާރާއިން އަދި މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރުން ނިންމާ މުހިންމު ނިންމުންތައް ކުރިން އޮތް ގޮތަށް ސިޔާސަތުތައް އަނބުރާލާތީ ގިނަ ބައެއްގެ ސުވާލުތައް ވަނީ އުފެދިފަ އެވެ. މީގެ ކުރިން އާސަންދަ އިސްލާހުކުރުމާއި ސަބްސިޑީ ރިފޯމް ކުރުން ފަދަ ބޮޑެތި ކަންކަމުގައި ވެސް މިފަދަ ބަދަލުތަކެއް ވަނީ ފެނިފަ އެވެ.