އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު" ކެންޕޭންގެ ފަރާތުން ބާއްވާ ހާއްސަ "ސިޓީ ދަތުރު" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާ އެކު ފަށަން ހަމަޖެހިއްޖެ އެވެ.

މި މަހުގެ 5 އިން 10 އަށް ކުރިއަށްދާ މި ދަތުރުގައި ރާއްޖޭގެ ފަސް ސިޓީއަށް ޒިޔާރަތްކޮށް، އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރުމަށް ވަނީ ނިންމާފަ އެވެ. މި ދަތުރުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގައި ޕާޓީ މެންބަރުންނާ ބައްދަލުކޮށް މީކާއިލްއަށް ތާއީދު ހޯދުމާއި، ޕާޓީގެ ކުރިމަގަށް "އިތުބާރު" ކެންޕޭނުން ގެންގުޅޭ ތަސައްވުރު އެ ސިޓީތަކުގެ ރައްޔިތުންނާ ހިއްސާކުރުން ކަމަށް މީކާއީލްގެ ކެމްޕޭން ޓީމުން ވަނީ ބުނެފަ އެވެ.

މި ދަތުރު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ފުވައްމުލައް ސިޓީ އިންނެވެ. އެއަށްފަހު ތިނަދޫ ސިޓީ، އައްޑޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރުމަށް ފަހު، މި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ޖޫން 10 ވަނަ ދުވަހު މާލޭ ސިޓީގައި ބާއްވާ ކެންޕޭނުގެ ބޮޑު ޖަލްސާއިންނެވެ.

"އިތުބާރު" ކެންޕޭނުގެ ފަރާތުން ވަނީ ހުރިހާ މީޑިއާތަކަށް މި ދަތުރުގެ ހަރަކާތްތައް ކަވަރުކުރުމަށް ދައުވަތު އަރުވާފަ އެވެ. މި ދަތުރުގެ އެންމެ ފަހުގެ އަޕްޑޭޓްތައް "އިތުބާރު" ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން، ކޮންމެ ސިޓީއެއްގައި ބާއްވާ ޖަލްސާތައް މީކާއިލްގެ ފޭސްބުކް ޕޭޖުންނާއި ރާއްޖެޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.