ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ނަން "ނެޝަނަލް އިންޓެލިޖެންސް ސާވިސް"ގެ ނަމަށް ބަދަލުކުރުމަށް ފުލުހުންގެ އިދާރާއިން ނިންމި ނިންމުމަކީ ގާނޫނީ ގޮތުންނާއި ގައުމީ ސަލާމަތީ އޮނިގަނޑުގެ ނަޒަރުން ބަލާއިރު ގޯސް ނިންމުމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ނަން ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ގައުމީ ސަލާމަތީ އޮނިގަނޑާއި ގާނޫނީ ހަމަތަކާ ގުޅޭ ގޮތުން ސިޔާސީ އަދި އިދާރީ ދާއިރާތަކުގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފަ އެވެ.
މި ބަދަލާ ގުޅިގެން ހަމީދު އޭނާގެ ބްލޮގްގައި ޝާއިއުކުރެއްވި މަޒުމޫނެއްގައި ވިދާޅުވީ، ސަލާމަތީ މުއައްސަސާތަކުގައި ބޭނުންކުރާ ނަންނަމަކީ ހަމައެކަނި އިދާރީ ބަދަލެއް ނޫން ކަމަށާއި، އެއީ އެ މުއައްސަސާއެއްގެ ބާރާއި މެންޑޭޓު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އެހެންކަމުން ގާނޫނީ ސާފު އަސާސެއް ނެތް ނަމެއް ބޭނުންކުރުމުން އެތެރޭގެ އަދި ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި އޮޅުންތަކެއް އަރާފާނެ ކަމުގެ ކަންބޮޑުވުން އޮތްކަން އޭނާ ފާޅުކުރެއްވި އެވެ.
ވަކިން ހާއްސަކޮށް ރާއްޖޭގައި ވަކި "ނޭޝަނަލް" ނުވަތަ ގައުމީ ފެންވަރުގެ އިންޓެލިޖެންސް އިދާރާއެއް އުފެއްދޭނީ ފުލުހުންގެ އެތެރޭގެ އިދާރީ ނިންމުމަކުން ނޫން ކަމަށާއި، އެކަމަށް ހާއްސަ ގާނޫނެއް ވުޖޫދަށް އަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް އަދި އިމިގްރޭޝަނަކީ ވެސް ގައުމީ ސަލާމަތަށް ބޭނުންވާ މައުލޫމާތު އެއްކުރާ އިދާރާތަކަށް ވާއިރު، ވަކި މުއައްސަސާއަކުން "ގައުމީ" ނަން ބޭނުންކުރުމުން އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަނަށް ބުރޫ އަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އިންޓެލިޖެންސްގެ ގާބިލުކަން ބިނާ ވަނީ ބޮޑު ނަމެއް ކިޔުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ކުރެވޭ ޕްރޮފެޝަނަލް މަސައްކަތުގެ ފެންވަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ނިންމުމާއެކު ގިނަ ބަޔަކު ދަނީ ފުލުހުންގެ ހިދުމަތަށް ފާޑުކިޔަމުންނެވެ.
އަހާންއާއި އަނީތު އަލުން އެކުގައި ބޮޑު ސްކްރީނަށް!
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"
ޖަސްޓިންއާއި ބްލޭކްގެ ކޯޅުމަށް ނިމުމެއް ނެތް، އަލުން ކޯޓަށް!