އަންނަ މަހުގެ ހަތަރުން ފެށިގެން މާލޭގެ ސްކޫލްތަކުގައި ގްރޭޑް 9ން 12 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ނިންމަވާފައިވަނީ ކޮވިޑް-19ގެ މިހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ. އަދި މިހާރެކޭ އެއްގޮތަށް އިތުރު ގްރޭޑްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކޯވިޑް-19ގެ ފުރަބަންދަށް ދިން ލުއިތަކާއެކު ޖުލައިމަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށި އެވެ. އޭރު ވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. އަދި ކޮވިޑް ކޭސް ނެތް ރަށްތަކުގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުން ގެންދެ އެވެ.
މާލޭގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނީ ބަލި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު މިޑް ޓާމަށް ބަންދުކުރުމަށްފަހު އެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. މީގެ އިތުރުން ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށައިފަ އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19 ގެ ކޭސްތައް މިހާރު ވަނީ ކޮންމެ ވެސް ވަރަކަށް މަދުވާން ފަށާފަ އެވެ. ނަމަވެސް ފިޔަވަޅުތަކަށް ދިނުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖެން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،000 އަށްވުރެ އިތުރުވެފަ އެވެ.