ސ. ހިތަދޫގެ މައި މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މ. ވޭވަށު އަބްދުﷲ ރަމީޒަށް ބޮޑެތި ގެއްލުންތަކެއްވެ، މާލެ ގެނައުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ތިން ކުދިންގެ ބައްޕައެއް ކަމަށްވާ ރަމީޒު މިހާރު އޮތީ ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ހާލަތެއްގަ އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 9:30 ހާއިރު ހިނގި މި ހާދިސާގެ ސީސީޓީވީ ފުޓޭޖު ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ރަމީޒު މަގުގެ ރަނގަޅު ފަޅިން ވަރަށް މަޑުމަޑުން ސައިކަލު ދުއްވާފައި އަންނަނިކޮށް، މަގުގެ އަނެއްކޮޅުން ނުބައި ފަޅިން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ވަނީ ސީދާ އޭނާގެ ސައިކަލުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެފަ އެވެ. އެއާއެކު ރަމީޒު ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓޭ މަންޒަރު ފެނެ އެވެ.
އެކްސިޑެންޓް ހިނގި ވަގުތު އެތަނުގައި ހުރި ރަމީޒުގެ ކޮއްކޮއަކު ވަނީ ވަގުތުން އެމްބިއުލާންސަށް ގުޅައިގެން އޭނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ރަމީޒުގެ އަނބިމީހާ އައިމިނަތު އަޒްރާ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ހޮސްޕިޓަލަށް ގެންދިޔައިރު ރަމީޒުގެ ހާލަތު އޮތީ ވަރަށް ސީރިއަސްކޮށް ކަމަށެވެ.
ރަމީޒުގެ ހާލަތު ގޯސްވުމުން އޭނާ މާލެ ގެނެވުނެވެ. ނަމަވެސް އާއިލާއިން ބުނިގޮތުގައި އައިޖީއެމްއެޗަށް ގެންދިޔުމުން 'ރޫމެއް ނެތް' ކަމަށާއި 'މެޝިނަރީޒް ވެސް ރަނގަޅު ނޫން' ކަމަށް ބުނެ ހޮސްޕިޓަލުގެ އީއާރުގައި ގަޑިއިރެއް ހާއިރު ބޭއްވި އެވެ. އެހެންވެ، އާއިލާއިން ވަގުތުން އޭނާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
އޭޑީކޭއިން ހެދި ސީޓީ ސްކޭންތަކުން އެނގުނު ގޮތުގައި ރަމީޒުގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ. މީގެއިތުރުން ހަށިގަނޑުގެ އެކި ތަންތަނުގެ ކަށިތައް ބިންދައިގެން ގޮސްފައިވާއިރު، ކަނާތު ފައިގެ ބޮޑުވައި އިނގިލި ފިޔަވައި މުޅި ފައި އޮތީ ޗިސްވެފަ އެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ވަގުތުން ބޮލުގެ މޭޖާ އޮޕަރޭޝަނެއް ކޮށްފަ އެވެ.
އެ އޮޕަރޭޝަނަށް މިހާރު 48 ގަޑިއިރު ވެފައިވާއިރު ވެސް، ރަމީޒުގެ ހާލަތަށް އެދެވޭ ކުރިއެރުމެއް އައިސްފައެއް ނުވެ އެވެ. ޑޮކްޓަރުން ބުނަމުން ދަނީ ހާލަތު މިގޮތަށް ހުރެއްޖެނަމަ އަލުން ވެންޓިލޭޓަރުގެ އެހީ ދޭންޖެހިދާނެ ކަމަށެވެ.
މަގުމަތީގައި ބައެއް މީހުން ބާރު ސްޕީޑުގައި، ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ހިނގާ މިފަދަ ހާދިސާތަކުގައި ކުށެއް ނެތް އާއިލާތައް ބިކަވަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވޭތުވެ ދިޔަ ދެ އަހަރުތެރޭ ވެސް މިފަދަ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އެތައް ފުރާނައެއް ވަނީ ގެއްލިފަ އެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ވެސް ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ވާ އެކްސިޑެންޓުތަކުގެ އަދަދު ދަނީ މަހަކަށް ވުރެ މަހެއް އިތުރުވަމުންނެވެ.
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
ނިއުކްލިއާ ޕްރޮގްރާމް ހުއްޓާނުލާނަމަ އީރާނަށް ލުޔެއް ނެތް: ރޫބިއޯ
އީރާނާއި އެމެރިކާގެ ހަމަލާތަކެއް، މަސްރަހު ގޯސްވުމުގެ ބިރު ބޮޑު