ޕީއެންސީގެ މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުމުން ބޭއްވި ބައި އިލެކްޝަނުން ނާކާމިޔާބު ވި ނަމަވެސް އިންތިޚާބުން ހަގީގީ މޮޅެއް ލިބުނީ އެ ޕާޓީއަށް ކަމަށް ޕީއެންސީގެ އިސްވެރިން ބުނެފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ 62 ވޯޓުގެ ހަނި ތަފާތަކުން މި ގޮނޑި ކާމިޔާބުކުރައްވައި، މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 13 އަށް އިތުރުކޮށްދެއްވާފަ އެވެ.
ނަމަވެސް ވެރިކަންކުރާ ޕީއެންސީން މި ނަތީޖާ މާނަކުރަނީ އައްޑޫގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ފެށުން ކަމުގަ އެވެ.
މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަގާފީ ހާލީގެ ގޮތުގައި ބެލެވުނު އައްޑޫ ސިޓީގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) ބޮޑު ކުރިއެރުމެއް ހޯދުމަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސަރުކާރު ކޯލިޝަނުން ހިފާފައިވާ އަމާޒަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
މި ޚިޔާލަށް ބާރުދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ފާހަގަކުރެއްވި ގޮތުގައި ހިތަދޫ އުތުރަކީ އެމްޑީޕީގެ "ގުޑުވައި ނުލެވޭނެ ކިއްލާއެއް" ކަމަށް ކުރާ ދައުވާ މި އިންތިހާބާއެކު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެމްޑީޕީގެ މުޅި ލީޑަޝިޕްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު ލިބިގެން އެމްޑީޕީގެ ކެންޑިޑޭޓް ނުކުތް ނަމަވެސް އިންތިހާބުގައި ބެހެއްޓި ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯދުމަކީ، އައްޑޫގައި އެމްޑީޕީގެ ލީޑަޝިޕް ފެއިލްވެ، ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް އޮތް ތާއީދު އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ސަރުކާރުން މި ބައި-އިލެކްޝަނާ ކުރިމަތިލީ ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކަކާއެކު އެވެ. މަޖިލީހުގައި މިހާރުވެސް 74 މެންބަރުންގެ ސާފު އަގުލަބިއްޔަތެއް އޮތް ޕީއެންސީން ގޮނޑި ދިފާއު ނުކުރެވުނު ނަމަވެސް، މި އިންތިހާބުން ފެނުނު ވޯޓުގެ ގާތް ފަރަގަކީ ކުރިއަށް އޮތް ތަނުގައި އައްޑޫގެ ސިޔާސީ ބާރުވެރިކަން މުޅިން އަނބުރާލުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެ ޕާޓީން ދެކެ އެވެ.
ޕީއެންސީގެ އިސް ބައެއް ބޭފުޅުން މިގޮތަށް ދެކެވަޑައިގަތް ނަމަވެސް އިދިކޮޅު ގިނަ ބަޔަކު ދަނީ އެ ޕާޓީއަށް ފާޑުކިޔަމުންނެވެ. އަދި އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އަނެއްކާ އިއްޔެގެ އިންތިހާބުން ޕީއެންސީގެ ގޮނޑިއެއް އެ ޕާޓީއަށް ދިފާއުނުކުރެވުމަކީ ޕީއެންސީގެ ސިޔާސަތުތައް ގަބޫލުނުކުރުން ކަމަށް ދަނީ ބުނަމުންނެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!